ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުހައްމަދު އަބްދުﷲ، ތަޙުޤީޤަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ބަލަން ތާވަލްކޮށްފައި އޮތީ މިއަދު މެންދުރުފަހު 15:00 އަށް ކަމަށްވާއިރު، އެ އަޑުއެހުން ވަނީ މިހާރު ކެންސަލްކުރެވިފަ އެވެ. ފަނޑިޔާރު އާދަމް މުހައްމަދު އަޑުއެހުމަށް ހާޒިރުވާން އުޒުވެރިވި ސަބަބެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ ހަތަރުވަނަ ދުވަހަށްވެސް ތާވަލްކުރި އެވެ. ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދު ދަތުރެއްގައި ފުރާވަޑައިގަަންނަވާތީ އެ އަޑުއެހުން ވެސް ވަނީ ފަސްކޮށްފަ އެވެ.
އެންމެ ފަހަކަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ޤާނޫނީ ވަކީލު ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު އަޑުއެހުމަށް ވަޑައިނުގަންނަވާތީ އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ. އޭގެ ކުރީގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބަލައިނުގަންނަން ޖޭއެސްސީން ނިންމައި އަޑުއެހުން ފާސްކުރީ އެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ހާޒިރުކޮށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ.