English Edition
Dhivehi Edition

ރައީސުލް ޖުމްހޫރިއްޔާގެ ޝަރަފްވެރި މެޑަލާއި ހަނދާނީ ލިއުން އައްޑޫސިޓީގެ ގެ 11 ބޭފުޅަކަށް ލިބިވަޑައި ގަންނަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ޝަރަފްވެރި މެޑައްޔާއި ހަނދާނީ ލިއުން މިބޭފުޅުންނާއި ޙަވާލް ކޮށްދެއްވެވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިޙް، ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވުނު ޖަލްސާގައެވެ.

މިބޭފުޅުންނަށް ޝަރަފް ވެރި މެޑައްޔާއި ހަނދާނީ ލިއުން ލިބިވަޑައިގެންނެވީ ތަޢުލީމާއި ކުޅިވަރުގެ ތަފާތު ދާއިރާތަކުގެ ތެރެއިންނެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވެވި ބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީގެ ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ގޯރަންވިލާ ސ. ހުޅުދޫ، އަލްފާޟިލާ ޚަދީޖާ ސިއުނާ ވިންޑްސްކްރީން ސ. ފޭދޫ، އަލްފާޟިލާ ޢާއިޝަތު ރަޝީދު މައުވާ ސ. ހިތަދޫ،އަލްފާޟިލާ ސައުދަތު ޢަފީފް ސުހާނާވިލާ ސ. ފޭދޫ ހިމެނިވަޑައި ގަންނަވައެވެ.މިބޭފުޅުންނަކީ އެކި ދާއިރާއިން މާސްޓަރޒް ޑިގްރީ ހައްދަވާފައިވާ ބޭފުޅުންނެވެ.

ބެޗްލަރޒް ޑިގްރީ ހެއްދެވި ބޭފުޅުންގެތެރޭގައި މި އެވާރޑް ޙާޞިލް ކުރެއްވެވީ ،އަލްފާޟިލް އަޙްމަދު ޢައްމާރު ނަޞީރު ވައިލެޓްވިލާ ސ. ހުޅުދޫ،އަލްފާޟިލް މުޙައްމަދު ޝީރާޒް ރަންރީދޫގެ ސ. ފޭދޫ އެވެ.

ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވެވީ،އަލްފާޟިލް އަޙްމަދު މާހިލް ސަޢީދު ރަންކޮކާގެ ސ. ފޭދޫ ،12 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒީ ސްޕޯރޓްސް ޗެމްޕިއަންޝިޕްގައި ޖޫނިއަރ ބޮޑި ބިލްޑިން ކެޓަގަރީން 1 ވަނަ އާއި ގޯލްޑް މެޑަލް ވަނީ ހޯއްދަވާ ފައެވެ.

2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ހިމެނި ވަޑައިގަންނަވާ އިބްރާހިމް މަހުދީ ޙުސެއިން/ޞަފާ ސ،ފޭދޫ އަށް ރައީސްގެ ޝަރަފްވެރި އެވޯރޑް ވަނީ ލިބިލައްވާފައެވެ.

މިރޭގެ ޖަލްސާގައި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ،އަލްޙާފިޡާ މަރްޔަމް ޙުސައިން ޝެމްރޮކް ސ. ހިތަދޫ އަށް ވަނީ ލިބިލައްވާފައެވެ.

2018 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންގެ ތެރޭގައި ، އައްޑޫ ހައި ސްކޫލްގެ ދަރިވަރު ޢަބްދުﷲ ޔަޒާން ރަޝީދު މ. ބީނާފުށި،ޢާއިޝަތު ސަޙާ ރަޝީދު ޕާމްޝޭޑް ސ. ފޭދޫ ހިމެނި ވަޑައި ގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްވެރި މެޑައްޔާއި ހަނދާނީ ލިއުން ލިބިލެއްވި 39 ފަރާތްތަކުގެ ތެރެއިން 11 އެވޯރޑާއި ހަނދާނީ ލިއުން ޙާޞިލުކުރެއްވެވި އައްޑޫސިޓީގެ ފަޚުރުވެރި ދަރިންނަށް މަރުޙަބާ ދަންނަވަމެވެ.