English Edition
Dhivehi Edition

ކެންސައރ ސޮސައިޓީން ”ކުއިޓް ރައިޑް ލިވް ހެލްތީ” ގެ ނަމުގައި ޕްރޮގްރާމެއް ފަށަައިފިއެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

“ކުއިޓް. ރައިޑް. ލިވް ހެލްތީ” ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ، ބައިކް މޯލްޑިވްސް އާއި ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވާ ސިސޭޝަން ކްލިނިކްތައް ކަމަށްވާ، އައިޖީ އެމްއެޗް،އޭޑީކޭ އަދި ދަމަނަ ވެއްޓާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ މަޤްޞަދަކީ،ދުންފަތުގެ އިސްތިޢުމާލް ކުރާ ފަރާތްތަކަށް އެކަންހުއްޓުވުމަށް ބާރުއެޅުމާއި ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް ހިތްވަރު ދިނުން ކަމަށް ކެންސަރ ސޮސައިޓީން ހާމަ ކުރެއެވެ.

ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވާ ސިސޭޝަން ކްލިނިކްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ސިނގިރޭޓް ބުއިން ހުއްޓާލާތާ ތިންމަސް ފަހުން އެމީހެއްގެ ތިމާގެ ކުއްޖަކަށް ބައިސްކަލެއް ހަވާލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެ ބައިސްކަލެއް މިލްކް ވާނީ އެ މީހަކު ސިނގިރޭޓް ބުއިން ހުއްޓާލާތާ އަހަރެއް ވުމުންނެވެ.

މިއަދު ފެށުނު ޕްރޮގްރާމުގެ ދަށުން ދޭ ފުރަތަމަ ބައިސްކަލް ހަވާލުކުރީ ސިނގިރޭޓް ބުއިން ހުއްޓާލާފައިވާ އަހްމަދު ރަޝީދަށް ބޮޑުބޭބެ ކިޔާ، 12 އަހަރުގެ އަހުމަދު ފަޒީލަށެވެ. އަހްމަދު ރަޝީދު ސިނގިރޭޓް ބުއިން ހުއްޓާލިތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.

އޭޑީކޭގައި ހުންނަ ސިސޭޝަން ކްލިނިކްގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00އަށް،ދަމަނަވެށިން މި ހިދުމަތްތައް ލިބޭނީ ހެނދުނު 8:00 އިން މެންދުރު 1:30 އާ ހަމައަށެވެ.އަދި އައިޖީއެމްއެޗްގައި ހުންނަ ކްލިނިކް ހެނދުނު 9:00 މެންދުރު 3:00 އަށް ހުޅުވާފައި ހުންނާނެއެވެ.