English Edition
Dhivehi Edition

މީގެ ފަސް މަސް ކުރިން އައްޑޫ ގައި ތައާރަފުކުރި ނެއިބަހުޑް ފޮލިސްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

އީކްއޭޓަރ ވިލެޖް ބްލޫލެގޫންގައި ބޭއްވި ރަސްމިއްޔާތުގައި ނޭބަހުޑް ޕޮލިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އައްޑޫ ސިޓީ ކައުންސިލާ އި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ކުދިން ކުށުގެ ވެށްޓަށް ނިކުންނަ ގޮތާއި ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން މޭޔަރު ވަނީ ކުށްތަކަށް އަރައިގަތުމުގެ ކުރިން، ކުށްތަކުން މުޖުތަމައު ސަލާމަތްކުރަން ހަރުދަނާ ފިޔަޅުތަކެއް އެޅުން މުހިއްމުކަން ފާހަނގަކުރައްވާފައެވެ.

މީގެ އިތުރުން އަމާން، ރައްކާތެރި މުޖުތަމައެއް ބިނާކުރަން ފުލުހުން ކުރާ މަސައްކަތަށް ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލާއި އަދި އެ ނޫން ވެސް ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމުގައި މޭޔަރުވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ މި ހިދުމަތަށް ކައުންސިލާއި ރައްޔިތުން ގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން މެޔަރުވަނީ ދެއްވާފައެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ސީޕީ ހަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުން ގާނޫނުގެ ތެރެއިން ނެއިބަހުޑް ޕޮލިސް އަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ، އަދި ފުލުހުންގެ ގާނޫނުގެ ތެރެއިން ފޯރުކޮށްދޭން ލާޒިމުކުރާ ހިދުމަތަކަށް ހަދަން ހުށަހަޅާފައިވާ ކަމަށެވެ.މީގެ އިތުރުން ސީޕީ ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައު އިން ކުށްތައް މަދުކޮށް، އަމާން، ރައްކާތެރި މާހައުލެއް ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށްކަމަށެވެ.

” ނެއިބަހުޑް ޕޮލިސްގެ ހިދުމަތަކީ ރާއްޖެ އަށް އަދި ވަރަށް އާ، ރައްުޔިތުން ވެސް ތަންކޮޅެއް ބީރައްޓެހި ކަމެއް. އެހެންނަމަވެސް މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި އެތައް އަހަރެއް ކުރިންފެށިގެން ކުރަމުން އަންނަ ކަމެއް. އެގޮތުން، ދިވެހި މުޖުތަމައަށް ނެއިބަހުޑް ޕޮލިސްގެ ހިދުމަތް ފުޅާކުރަމުން އަންނަ އިރު މިކަމަށް ފުލުހުން ތަމްރީނު ވެސް ކުރަން ޖެހޭ. އަންނަ އަހަރު މިކަމަސް ބޭނުންވާ ހާއްސަ ތަމްރީނުތައް ހޯދުމަށް ފުލުހުން ރާއްޖެއިން ބޭރަށް ފޮނުވުމަށްވެސް މިހާރު ވަނީ ނިންމާފަ”ސީޕީ ހަމީދު ވިދާޅުވިއެވެ.

ރައްޔިތުންނާ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތް ދިނުމުގެ ގޮތުން ތައާރަފުކުރި ނެއިބަހުޑް ފޮލިސީ މާލެ ފިޔަވައި ރަސްމީކޮށް އެންމެ ފުރަތަމަ ފެށީ އައްޑޫގައެވެ.