English Edition
Dhivehi Edition

މި އަހަރުގެ ބޯޓިންގ އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ހުޅުވާލައިފި އެވެ.

އެންބީއޭއެމް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށެވެ. އަދި އެވޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން www.boatingawards.mv މެދުވެރިކޮށް އޮންލައިން ނޯމިނޭޝަން ފޯމް ފުރުމަށް، ނުވަތަ ފުރުއްވާފައިވާ ނޯމިނޭޝަން ފޯމްގެ ސްކޭން ކޮޕީ [email protected], [email protected] އަށް ފޮނުވުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

Advt

Advertisement

އެންބީއޭއެމް އިން ބުނީ އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ، އެކަމަށް އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ޕެނަލުން ދޭ 70 މާކުސް އާއި އޮންލައިން ވޯޓް/އެސްއެމްއެސް މެދުވެރިކޮށް ލިބޭ ވޯޓުތަކަށް 30 މާކުސްގެ ނިސްބަތުން އެންމެ ގިނައިން މާކުސް ހޯދާ ފަރާތްތައް ބެލުމަށްފަހު ކަމަށެވެ.

މިފަހަރުގެ އެވޯޑަށް ކުރިމަތިލުމަށް ޖުމްލަ 29 ކެޓަގަރީ ހުޅުވާލެވިފައިވާއިރު، މި އަހަރުގެ ބޯޓިންގ އެވޯޑްސްގެ ‘ގާލާ ނައިޓް’ އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ ބޯޓިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެންބީއޭއެމްގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު ދެމުންގެންދާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލެވޭނީ ހަމައެކަނި އެ އެސޯސިއޭޝަންގެ މެމްބަރުންނަށް ކަމަށާއި، އެ އެސޯސިއޭޝަންގެ މެމްބަރަކަށް ވުމުގެ ފުރުސަތު ބޯޓިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި އެ އިންޑަސްޓްރީއާއި ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ކަމަށް އެންބީއޭއެމް އިން ބުނެއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2019 އަށް ކުރިމަތިލުމުގެ ޝަރުތުތަކާއި، ޖަޖިންގ ކުރިއަށްދާނެ ގޮތް އަދި މުހިންމު މަޢުލޫމާތު www.boatingawards.mv އިން ލިބޭނެ ކަމަށް އެންބީއޭއެމް އިން ބުނެއެވެ.