English Edition
Dhivehi Edition

އެމިރޭޓްސް(ޔޫއޭއީ) ގެ ރައީސް ކަމަށް 4 ވަނަ ފަހަރަށް ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަހްޔާން ހޮވި ވަޑައިގެންފި އެވެ. ޝެއިޚް ޚަލީފާ ރައީސް ކަމަށް އިންތިޚާބު ކޮށްފައި ވަނީ އެ ޤައުމުގެ ސުޕްރީމް ކައުންސިލުގެ ތާއީދު ލިބިވަޑައިގެންނެވެ.

ޔޫއޭއީގެ ރައީސް ކަމަށް ޝެއިޚް ޚަލީފާ ފުރަތަަމަ އިންތިހާބުކޮށްފައި ވަނީ 3 ނޮވެމްބަރު 2004 ވަނަ އަހަރުގައެވެ.

ޝެއިޚް ޚަލީފާ އުފަންވެ ވަޑައިގެންފައިވަނީ 1948 ވަނަ އަހަރުގައި އެވެ. ފެބްރުއަރީ 1, 1969 ގައި ޝެއިޚް ޚަލީފާ ވަނީ އަބޫދާބީގެ ކްރައުން ޕްރިންސް ގެ ޝަރަފުވެސް ލިބިވަޑައިގެންފައެވެ. 1976 ގައި ޝެއިޚް ޚަލީފާ ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ގެ މަގާމަށް ވެސް އައްޔަންކޮށްފަ އެވެ.

ރައީސް ގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިންނާއި ފަހުން ވެސް ޝެއިޚް ޚަލީފާ އަށް ވަނީ އެތައް އެވޯޑަކާއި އެތައް މަގާމެއް ލިބިވަޑައިގެންފައެވެ. އަދި އެއީ ރައީސް ގެ މަޤާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށް ގިނަ ބަޔަކު ބަލައިގަނެއެވެ.