ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަޙްމަދު ހައިލަމްއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ އަލްހާން ފަހުމީ، 200،000ރ. (ދެލައްކަ ރުފިޔާ)ގެ ފައިސާގެ މުޢާމަލާތެއް ހިންގެވި މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގަ އެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްޤާޒީ ހައިލަމްއާއެކު އަލްހާން ފަހުމީގެ ފަރާތުން 10 މެއި 2019 ވަނަ ދުވަހު ދެކައްލަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ދަންނަވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއްޔެ އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ، ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއް ކަމަށް ވާތީ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މައްސަލަ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވީނަމަވެސް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ މަޢުލޫމާތު އެ ކޮމިޝަނާ ހިއްސާކޮށްފައި ނުވާތީއާއި އަދި އެ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ފުލުހުން މިއަދާ ހަމައަށްވެސް އަޅާފައިވާ ކަމަށް ޤަބޫލުކުނުކުރެވޭތީ، އެކަން ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށްވެސް މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
މި މައްސަލަ ބެލުމަށް ޖޭއެސްސީ އިން މިއަދު ނިންމާފައިވާއިރު، އެ ކޮމިޝަނުން ވަނީ ޤާޒީ ހައިލަމް އިއްޔެ ސަސްޕެންޑްވެސް ކޮށްފައެވެ.
ހައިލަމް ސަސްޕެންޑްކޮށްފައި މިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށްޓަކައި ކްރިމިނަލް ކޯޓުގެ ރިކްރިއޭޝަން ކްލަބްގެ ވައިބާރ ގުރޫޕަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް ލުމާއި ގުޅިގެންނެވެ. ހައިލަމް ވައިބާރ ގުރޫޕުގައި ހިއްސާކުރި ފޮޓޯ ލީކުވުމާއެކު ޖޭއެސްސީ އިން ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައެވެ. އަދި އެ މައްސަލަ ބެލުމަށް އިއްޔެ ޖޭއެސްސީއަށް ހާޒިރުވަމަށް އަންގާފައިވާއިރު ހައިލަމް ޖޭއެސްސީ އަށް ހާޒިރުވެ ވަަޑައިގަތް ކަމެއް އަދި އެގިފައެއް ނުވެއެވެ.
މި މައްސަލަ އާއި ގުޅިގެން ހައިލަމް ވިދާޅުވީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ލީ ފޮޓޯގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްވާ ކުރެހުމެއް ހުރިކަން ނޭނގޭކަމަށެވެ. މީގެ އިތުރުން ހައިލަމްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.