English Edition
Dhivehi Edition

ކީރިތި ރަސޫލާ محمد صلى اللّه عليه وسلم އަށް ފުރައްސާރަ ކޮށް ރިޕޯޓު ޝާއިޢު ކުރުމުން އެމްޑީއެން އުވާލިގޮތަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމް، ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަށް ލި ފޮޓޯގެ މައްސަލާގައި ކްރިމިނަލް ކޯޓު އުވާ ނުލީ ކީއްވެތޯ ސަރުކާރާއި އިދިކޮޅު ކޯލިޝަނުން ސުވާލުކޮށްފި އެވެ.

މިއަދު އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ، ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަސޫލާއަށާއި އިސްލާމް ދީނަށް ފުރަށްސާރަކޮށް ރިޕޯޓުނެރުމުން ފިޔަވަޅު ނާޅައި މަހެއް ވަންދެން އޮތުމަށްފަހު ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކާޓޫނު ލުމުން ވަގުތުން ފިޔަވަޅު އެޅިގެން ދިއުމުން މިއީ ކޮންކަހަލަ ސަރުކާރެއްކަން އެނގިގެން ގޮސްފި ކަމަށެވެ.

“ﷲ އަށް ފާޑު ކީމަ އެބޭފުޅުންނަކަށް ކަންބޮޑެއް ނުވި، ރަސޫލާއަށް ހަޖޫޖެހީމަ އެބޭފުޅުންނަކަށް ކަންބޮޑެއް ނުވި، މީގެއިން އެއްވެސް ކަމަކާއި ފިޔަވަޅެއް ނޭޅޭ. މިއަދު މި ވިދާޅުވަނީ އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފީމޭ. ނުވަތަ އުވައިލާފީމޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީއެން އުވާލުމުން އަދި ނުފުދޭ. އެ ރިޕޯޓް ލިޔުނު ފަރާތްތަކާއި މެދު އިސްލާމީ ޝަރީޢަތުގަ ކަނޑައެޅިފަ އޮތް އެންމެ ހަރުކަށި އަދަބެއް ދޭން އެބަ ޖެހޭ” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ފުނޑުފުނޑު ވެގެންދާއިރު އެކަން ބައްލަވަން ނުހުންނަވާ އުއްތަމަ ފަނޑިޔާރު އެމަނިކުފާނުގެ ޒިންމާ އަދާކުރަށްވަން ޖެހޭ ކަމަށެވެ.