English Edition
Dhivehi Edition

ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަހުމަދު ހައިލަމް ކުރައްވާފައިވާ ކަމުގެ ސަބަބުން ޝަރުއީ ހަމަތަކުގެ މަތީން ޤާޒީ ކަމުގެ ޝަރުތު ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒް މިގޮތަށް ވިދާޅުވީ ޤާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ލާފައިވާ ފޮޓޯއެއްގެ ސަބަބުން ނެވެ. އެ ފޮޓޯގައި ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހާއި 3 ނޮވެމްބަރު ގައި ރާއްޖެއަށް ދިން ހަމަލާގައި އިސްކޮށް އުޅުނު މީހުންގެ ގައިގައި ޗޭނު އަޅުވައި ޝަހީދު ހުސެއިން އާދަމް ދަމަމުން ދާ މަންޒަރު ދައްކުވައި ދެއެވެ. އަދި ހައިލަމް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އެ ފޮޓޯއާއި އެކު ފޮނުވާފައެވެ.

ގާޒީ ހައިލަމް ގެ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިންވެސް ބައްލަވަން ވަނީ ނިންމަވާފައިއެވެ. ހައިލަމްގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމި އިރު ހައިލަމް އަކީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ޔާމީންގެ މައްސަލަ ބައްލަވާ ޤާޒީ ވެސް މެއެވެ.

“އިއްޔެ ބޭއްވުނު ކޮމިޝަންގެ ކުއްލި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުލްﷲ ޣާރިގެވެ. މި ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި (CCRC Ekuveringe Dharubaaru) ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޖަހާފައިވާ ޕޯސްޓާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވައިލެވުނެވެ. ކޮމިޝަނުން މިހެން ނިންމީ، މިއަމަލަކީ ސާބިތުވެއްޖެނަމަ، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވާނެ މައްސަލައަކަށް ވާތީ އެވެ.” ޖޭއެސްސީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.