މިއަދު ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތަށް ބަލާއިރު އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މިއަދު ނެރުނު މޫސުން ކުރިޔަށް ލަފާކުރާގޮތާއި ގުޅޭ ރިޕޯޓުގައި ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
“ދެކުނުއަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން. ހުރިހައި ހިސާބަކަށް ވެސް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނުގައި ވައިޖެހޭނެ. ” މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އެފީހުން ވިދާޅުވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާއި ދެމެދުގައެވެ.