English Edition
Dhivehi Edition

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ކުރިއަށް ގެންދާ “ސަކްސަސް އިޒް އަ ޗޮއިސް ” ގެ ސެޝަނެއްގައި ދުނިޔޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ ރޮބިން ބޭންކްސް ވާހަކަދައްކަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

“ސަކްސަސް އިޒް އަ ޗޮއިސް ” ގެ ނަމުގައި ބާއްވާ އެއްދުވަހުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ނޮވެމްބަރ 16 ވާ ހޮނިހިރު ދުވަހު ހެދުނު 9:00 އިން ހަވީރު 5:00 އަށެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ މެއިން އޮޑިޓޯރިއަމް ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން ގައި ބައިވެރިވުމުގެ ފުރުސަތު 300 ފަރާތަކަށް ލިބިގެން ދާނެއެވެ.

އެއް ދުވަހުގެ މުއްދަތަށް ބޭއްވިގެންދާ މި ސެޝަން ނަންގަވައިދެއްވާނީ މަޝްހޫރު އިންޓަނޭޝަނަލް ސްޕީކަރ ރޮބިން ބޭންކްސްއެވެ. ރޮބިން ބޭންކްސް ވަނީ އެތަކެއް ކުންފުނި ތަކަކަށް ކާމިޔާބަށް ވާސިލް ވެވޭނެގޮތުގެ މައުލޫމާތު ހިއްސާކޮށް އެތަކެއްކުންފުނިތަކަށް ކާމިޔާބު ހާސިލްކޮށް ދިނުމުގައި ތަފާތު މަސައްކަތްތައް ކޮށްދީފައެވެ. އެގޮތުން 500 އަށްވުރެ ގިނަ ކުންފުނި ތަކުގެ ސީއީއޯ އަދި ސީނިއަރ މެނޭޖްމަންޓްތަކަށް މައިންޑް ޕަވަރ އަދި ކާމިޔާބަށް ވާސިލްވެވޭނެގޮތްތަކާބެހޭ އެތަކެއް ސެޝަންތަކެއް ވަނީ ނަންގަވައިދެއްވާފައެވެ.

މި ސެޝަން އާއި ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މި ސެޝަންގެ ސަބަބުން ކާމިޔާބު ހާސިލްކުރުމަށް ވަޒީފާގެ މާހައުލުގައާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ދަތިތައް ހައްލު ކުރެވޭނެ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބެގެންދާނެއެވެ. އަދި މި ސެޝަންގެ ސަބަބުން ތިމާގެ ވިސްނުމަށާއި ކުރާ މަސައްކަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައެވެ. އަދި މާޕްއިން މިފަދަ އެތަކެއް ސެޝަންތަކެއް ކުރިޔަށް ރޭވިފައިވާކަމުގައިވެސް އަފީފް ވިދާޅުވިއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޖަމިއްޔާއިން މިދިޔައަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ އިތުރުން މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

2020ވަނަ އަހަރަށް ތަފާތު ގިނަ އާ ހަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައ ނޮލެޖް އަދި ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަންތަކުގެ އިތުރުން އެޗް އާރ ކޮންވެންޝަންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ސްޕީކާސްގެ އިންސްޕިރޭޝަނަލް ޓޯކް ސެޝްންތައް ހިމެނިގެންދާނެއެވެ. .

 

 

ޓެގު