English Edition
Dhivehi Edition

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:30 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަޙައްދުގައި ދިދަޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ސިފައިންގެ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އެއަށް ފަހު ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެވިފައެވެ.


މިރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އައު ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އެކިރޭންކުތަކުގެ ބޭކަލުންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިއަދު ސިފައިންގެ ގާއިމްކޮށްފައިވާ ހުރިޔާ އޭރިޔާއެއްގެ މަރުކަޒެއްގައި ވެސް އެއް ޖަމާއަތަކަށް މިއަދުގެ ފަތިސް ނަމާދު ކޮށްފައިވާ ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މާލޭގައި ވެސް އެއް ޖަމާއަތަކަށް ސިފައިން ފަތިސްނަމާދު ކޮށްފައި ވެއެވެ. އަދި ނަމާދަށްފަހު ދުވަހާއި ގުޅޭ ހާއްސަ ދުޣާއެއްވެސް ކިޔާފައި ވެއެވެ.