English Edition
Dhivehi Edition
ދިވެހި ފިލްމް އެވޯޑްސް 8ގެ ތެރެއިން - ފޮޓޯ: އެންސީއޭ

ނުވަވަނަ “ދިވެހި ފިލްމު އެވޯޑްސް” އެވޯޯޑް ދިނުމަށް ނިންމާފައިވާ ކެޓަގަރީތަކުން ނޯމިނޭޓްވެފައިވާ ފިލްމްތައް އަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރުމަށް ނިންމައިފި އެވެ.

ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޤައުމީ ފެންވަރުގެ މި އެވޯޑާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު، ވަލީދާ ވަލީދު ވިދާޅުވީ އެވޯޑް ލިބޭ ފިލްމްތައް ކަނޑައެޅުމަށް ފަނޑިޔާރުންގެ ޕެނަލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، އެންމެ ލަސްވެގެން މި މަހުގެ 10 ވަނަ ދުވަހަށް ކެޓަގަރީތަކުން އެވޯޑަށް ނޮމިނޭޓްވާ ފިލްމުތައް އިއުލާން ކުރާނެ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ އެވޯޑް ޝޯ އޮންނާނީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވާ ހުކުރު ދުވަހު ކަމުގައިވެސް ވަލީދާ ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ އެވޯޑަށް ފިލްމްތައް އިންސާފުކުރުމަށް ހަތް ފަނޑިޔާރުންގެ ޕެނަލެއް ވަނީ އެކުލަވާލައިފަ އެވެ. އެ ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އަދި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަންގެ އިތުރުން ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

މި އެވޯޑަށް މިއަހަރު 13 ފިލްމު ހުށައަޅާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑުގައި ބައިވެރިކުރުމަށް ހަމަޖައްސާފައި ވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމު ތަކެވެ. 2017 ވަނަ އަހަރު އަށް ފިލްމެއް ނެރެފައިވާއިރު، މިދިޔަ އަހަރު ފަސް ފިލްމެއް ވަނީ ނެރެފަ އެވެ. އަދި މި ދެ އަހަރުވެސް އެންމެ މަޤްބޫލް ފިލްމުތަކުގެ ތެރޭގައި “ވިޝްކާ” އާއި “މަލިކާ” ،”މިއީ ލޯތްބަކީ” އާއި “ބޮސް” އަދި “ހައްދު” ހިމެނެއެވެ.