މާފުށީ ޖަލާއި އިމަޖެންސީ ސަޕޯޓް ގްރޫޕް(އީއެސްޖީ)ގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. ކުލަގަދަ ރަސްމިޔާތެއް ބާއްވާފައި ވަނީ މާފުށީ ޖަލަށް 21 އަހަރު ފުރުމާއި އީއެސްޖީ އަށް 12 އަހަރު ފުރުމުގެ ހަފްލާއެވެ.
މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުުﷲ މުނާޒް އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ކޮމިޝަންޑް ރޭންކުގެ އޮފިސަރުންނާއި މާފުށީ ޖަލުގެ އޮފިސަރުންނާއި އީއެސްޖީގެ އޮފިސަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި މިދިޔަ އަހަރު އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފައި ވެއެވެ. އެގޮތުން ހާޟިރީން %100 ހާޞިލްކުރި އޮފިސަރުންނަށް ހަނދާނީ ފިލާ ހަވާލުކުރުމާއި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި ހަށިހެޔޮ އޮފިސަރުންނަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން މާފުށީ ޖަލަށް ރީތި ނަން ހޯދައިދިން އޮފިސަރުން ފާހަގަކުރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު މާފުށީ ޖަލުގެ ކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ. އަދި ރަސްމިއްޔާތު ނިންމާލެއްވީ ގްރޫޕް ފޮޓޯއަކުންނެވެ.