English Edition
Dhivehi Edition

އައްޑޫ ހައި ސްކޫލް (އޭއެޗުއެސް) ގައި މިހާރު ކުރިއަށްދާ ސްޕޯޓްސް ފެސްޓިވަލް ވެގެންދިޔައީ ބާސްކެޓު ބޯޅައަށް އައްޑޫގައި އަލުން އިރުއެރިފަދަ ކަމަކަށެވެ.

އެކުޅިވަރު ނެތިގެން ހިނގައިދާނެ ކަމުގެ ހިތްދަތި އިހުސާސުގައިތިބި އެތައް ޒުވާނުންނަށް އުފާވެރިކަން ގެނެސްދިނީ ސްޕޯޓްސް ފެސްޓިވަލުގައި ހިމެނިފައިވާ ބާސްކެޓްބޯޅަ މުބާރާތެވެ.

އައްޑޫސިޓީ ފުޓުބޯޅަ ސްޓޭޑިއަމްގައި އޮންނަ ބާސްކެޓު ކޯޓުގައި މިއަދުވަނީ ހައްޑޫހައިސްކޫލުގެ ސްޕޯޓްސް ފެސްޓިވަލުގައި ހިމެނޭ ބާސްކެޓް ބޯޅަ މުބާރާތް ފަށައިފައެވެ.

މިއީ އެ ސްކޫލްގެ ހަތަރު ހައުސް ކަމަށްވާ އަބޫބަކުރު، އުސްމާން، އަލީ އަދި އުމަރު ހައުސްގެ މެދުގައި ބާއްވާ މިފަދަ 4 ވަނަ ފެސްޓިވަލެވެ. މިފެސްޓިވަލުގައި އެ ސްކޫލްގެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

ސްޕޯޓްސް ފެސްޓިވަލުގައި ހިމެނޭ ބާސްކެޓްބޯޅަ މުބާރާތް މިއަދުފެށި ބާސްކްޓްބޯޅަ ކޯޓް މިހާރުވަނީ ކުރިއާއަޅައި ބަލާއިރު ތަރައްޤީ ކޮށްފައެވެ. އެއީ ލިބިގެންދިޔަ އުންމީދެކެވެ. އެގޮތުން އަލުން ކޯޓް ކުރެހުމާއި، ކޯޓްގައި ލައިޓް ޖެހުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ކަމުގައި އައްޑޫ ހައިސްކޫލްގެ ދަރިވަރުންނާއި ސްކޫލްގެ ވެރިންގެ އިތުރުން ސްޓޭޑިއަމްގެ ވަރަށްބޮޑު އެއްބާރުލުން ލިބެމުންދާ ކަމަށްވެސް އެކޯޓް ބޭނުންކުރާ ޒުވާނުން ބުނެފައިވެއެވެ.

ސްޓޭޑިއަމްގައި އޮންނަ ބާސްކެޓް ކޯޓަކީ މީގެ 20 ވަރަކަށް އަހަރު ކުރިން އަޅައިފައިވާ ކޯޓެކެވެ. ދުވަސްވެގެންގޮސް ކޯޓް މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. ޒަމާނީ ފެންވަރަށް އަލުން އެތަން ގެނައުމުގެ މަސައްކަތްވެސް މިހާރު ހިނގަމުން އެބަދެއެވެ.

އައްޑޫ ހައި ސްކޫލުން ބާސްކެޓްބޯޅަ މުބާރާތެއް މިދަނޑިވަޅުގައި ސްޓޭޑިއަމްގައި ބޭއްވުމަކީ އެސްކޫލުން ޒުވާނުންގެ ކުރިމަގަށް ކޮށައިދިން ވަރަށް ރަނގަޅު މަގެއްކަމަށް ގިނަ ޒުވާނުން މިހާރުވަނީ ޤަބޫލުކޮށްފައެވެ. އަދި އައްޑޫގައި ބާސްކެޓްބޯޅަ އުވިގެން ހިނގައިދާނެ ކަމަށް ހީވެފައިވަނިކޮށް އެސްކޫލުން މިފަދަ މުބާރާތެއް ބޭވުމުން އެއީ އެހެން ސްކޫލްތަކުން ނަމޫނާ އަކަށް ބަލައިގަންނަންޖެހޭވަރުގެ ކަމެއް ކަމަށްވެސް ޒުވާނުން ބުނެފައިވެއެވެ. އެހެންކަމުން އެހެން ސްކޫލްތަކުންވެސް ބާސްކެޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުޅިސިޓީގައި މިކުޅިވަރު އާލާކުރުމަށް ކޮށައިލެވޭނެ ފުރިހަމަ މަގަކަށްވާނެއެވެ.

އައްޑޫގައި ޒުވާނުނަށް ކުޅިވަރުކުރެވޭނެ ތަފާތު އިންތިޒާމްތައް މިހާރުވެސް އެބަހުއްޓެވެ. އެހެންނަމަވެސް ކުޅިވަރުކުޅެން ބޭނުންކުރާ ބައެއްތަންތަނަށް ގިނަދުވަސްވުމުން އެންމެ އެކަށީގެންވާ ގޮތުގައި އެތަންތަން ބޭނުމެއް ނުކުރެވެއެވެ. އުފާވެރި ޚަބަރަކީ އެފަދަތަންތަން މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމެވެ.

އައްޑޫހައި ސުކޫލުގެ ސްޕޯޓްސް ފެސްޓިވަލް ފަށައިފައިވަނީ ދެހާސް ސަތާރަވަނަ އަހަރު އޯގަސްޓް 4 ވަނަ ދުވަހުއެވެ. ބާސްކެޓު ބޯޅަ، ފުޓުބޯޅަ، ނެޓް ބޯޅަ،ބައިބަލާ ފަދަ ކުޅިވަރު ހިމެނޭ މިހަރަކާތް ނިމޭނީ އޯގަސްޓް 10 ވަނަ ދުވަހު އެވެ. ފެސްޓިވަލުގެ ނިމުން ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ ހަވީރުއެވެ.