English Edition
Dhivehi Edition

ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާގެ ނޫޓު މިމަހުގެތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، އެ އޮތޯރިޓީން ތައާރަފްކޮށްފައިވާ ފަސް ރުފިޔާގެ އާ ނޫޓު ޗާޕުކޮށްގެން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ޕޮލިމާ ކަރުދާހުން ޗާޕްކޮށްފައިވާ ފަސް ރުފިޔާގެ އާ ނޫޓުގައިވެސް ރަންދިހަ ފަހެއްގެ ނޫޓްތަކުގައި ހުންނަ ގޮތަށް ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނިފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ފަސް ރުފިޔާގެ ނޫޓު ތައާރަފްކޮށްފައިވަނީ، މިއަހަރުގެ މެއިމަހުގެ 10 ވަނަ ދުވަހު އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޝިހާމެވެ.

ފަސް ރުފިޔާގެ ނޫޓް ފަރުމާ ކޮށްފައި ވަނީ މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ކޮންސެޕްޓަކަށެވެ.

އެ ނޫޓްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ މަޝްހޫރު ފޮޓޯއެއް ވެސް ވަނީ ހިމަނާފައެވެ.

ފަސްރުފިޔާގެ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގެ އެންމެ ފަހު ނޫޓެވެ.

ރާއްޖެއަށް ކަރުދާސް ނޫޓު ތަޢާރަފްކުރީ، 1947 ވަނަ އަހަރުއެވެ. މިގޮތުން އޭރު ޗާޕް ކުރެވުނު ކަރުދާސް ނޫޓުގައި ހިމެނެނީ ބައިރުފިޔާ އާއި 1 ރުފިޔާ، 2 ރުފިޔާ، 5 ރުފިޔާ އަދި 10 ރުފިޔާ އާއި 20 ރުފިޔާއެވެ. މިނޫޓް ސީރީޒަށް 50 ރުފިޔާގެ ނޫޓާއި 100 ރުފިޔާގެ ނޫޓު އިތުރުކުރީ 1951 ގައެވެ.