ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ޑރ. ޖަމީލް ނައިބު ރައީސްކަމުން ވަކިކުރި ގޮތާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި ބަލައިގަނެ ކުރިއަށްދާއިރު، އެ ކޮމިޝަނުން ސުލޫކީ މައްސަލައެއް ބަލަމުންދާ އެ ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އަކީ އެ މައްސަލަ ބަލައިގަތުމުގައި ބައިވެރިވެފައިވާ އަދި އެ މައްސަލަ ހިންގާ ފަނޑިޔާރުންގެ ބެންޗުގައިވެސް ހިމެނޭ ފަނޑިޔާރެއް ކަމަށް ވާތީ، ފަނޑިޔާރު އާދަމް މުޙައްމަދު އާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި އޭނާގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ބަލައިނުގަތުމަށް މައްސަލަ ބަލާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ.
“ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ޚަޞްމެއްގެ ގޮތުގައި ހިމެނޭ މި ދެންނެވި މައްސަލަ ބެލުމުން ފަނޑިޔާރެއްގެ ޙައިޞިއްޔަތުން ތަނާޒުލްވެފައިވާ ކަމަށް ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ވަނީ ސިޓީއެއް ހުށަހަޅާފައެވެ. ނަމަވެސް މި ދެންނެވި މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ވާހިނދު، އެފަދަ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކަމުގައި ފާހަގަކުރަމެވެ.”، ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޖޭއެސްސީ އިން ބުނީ ފަނޑިޔާރު އާދަމް މުޙައްމަދު ބައްލަވަމުން ގެންދަވާ މައްސަލައެއްގެ ޚަސްމަކާ އަމިއްލަ ބޭނުމެއްގައި މުޢާމަލާތުކޮށް ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި މަސްލަޙަތު ގަސްތުގައި ފުށުއެރުވުމަށްފަހު އަމިއްލަ މަންފާއެއް ޙާޞިލްކުރުމަށްޓަކައި ފަނޑިޔާރުކަމުގެ ޒިންމާ އަދާކުރުމުން ތަނާޒުލްވުމަކީ ފަނޑިޔާރުގެ ސުލޫކާ ޚިލާފު ޢަމަލަށް ވާތީ، ފަނޑިޔާރު އާދަމް މުޙައްމަދު ބައްލަވަމުން ގެންދަވާ މައްސަލައެއްގައި ހިމެނޭ ޚަޞްމަކު، އެ ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤެއްގައި ވަކީލެއްގެ ގޮތުގައި ބަލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ. އަދި އެހެންކަމުން އެމައްސަލަ ސުލޫކީ ވަކި މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅުމަށްވެސް ކޮމިޓީ އިން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ވަކީލުގެ މަޞްލަޙަތާއި މުވައްކިލުގެ މަޞްލަޙަތާ ފުށުއަރާފާނެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ޤާނޫނު ނަންބަރު 15/2009 (ޤާނޫނީ ފަންނުގެ ޤަނޫނު)ގެ 39 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާއިރު އަދި އެ މާއްދާގެ (ބ)ގައި، އާންމު މުޖުތަމަޢުގެ މެދުގައި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެފަދަ އެއްވެސް ކަމެއް ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި ހަމަ އެ ޤާނޫނުގެ 41 ވަނަ މާއްދާގައި ޤާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ ފަދަ އެއްވެސް ކަމެއް އެ ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވީހިނދު، ޑރ. ޖަމީލް ޚަސްމެއްގެ ގޮތުގައި ހިމެނޭ މައްސަލައެއް ބައްލަވަމުން ގެންދަވާ ފަނޑިޔާރެއްގެ ވަކީލަކަށް ވުމަށްޓަކައި އެ ފަނޑިޔާރާ މުޢާމަލާތްކޮށް ވަކީލެއްގެ ގޮތުގައި ޤަބޫލުކުރުމަކީ ޤާނޫނީ ފަންނުގެ އަސާސްތަކާ ފުށުއަރާ، އަދި ފަނޑިޔާރުގެ ސުލޫކާ ޚިލާފު ކަމެއްގައި ބައިވެރިވުމުގެ ޢަމަލަކަށް ވާތީ، އެކަން ބަލައިދިނުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅުމަށްވެސް ކޮމިޓީ އިން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލަކަށްވެސް ހަމަޖައްސާފައިވާ ޑރ. ޖަމީލް ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައިވެސް ވަކާލާތު ކުރައްވައިފަ އެވެ.