English Edition
Dhivehi Edition

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ބޯޑަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނާ އިންޓަވިއުކޮށް، މަޖިލީހުގެ ތަޅުމަށް ދެ ބޭފުޅުންގެ ނަންވެސް ފޮނުވައިފިއެވެ.

އެގޮތުން އެމަޤާމަށް އައްޔަންކުރެއްވުމަށް އިންޓަވިއުކޮށް، ތަޅުމަށް ފޮނުވާފައި ވަނީ ކ. ކާށިދޫ ޝަބްނަމްގެ، މަހްޒޫމް ސަލީމް އަދި މއ. ވިލާރޮދި، އިސްމާއިލް ސާޖިދުގެ ނަންފުޅެވެ. މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސް މަޖިލީހަށް އެ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

މާލިއްޔަތު ކޮމިޓީގެ މުޤައްރިރުގެ ނައިބު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އާއި ހަވާލާދީ “ރާއްޖެ އެމްވީ” އިން ރިޕޯޓުކުރާ ގޮތުގައި މާލިއްޔތު ކޮމިޓީ އިން ވަނީ އެ ދެބޭފުޅުންނާއި އިންޓަވިއުކުރުމަށްފަހު ދެ ނަންވެސް ތަޅުމަށް ފޮނުވަން ނިންމައިފަ އެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައި ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލި އެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ވެސް ރައީސް ސޯލިހު ވަނީ މަޖިލީހަށް ނަންފުޅުތަކެއް ހުށަހަޅުއްވައިފަ އެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސް ހުށަހެޅުއްވީ ފަތުޙުﷲ ޖަމީލް އާއި ޢިސްމާއީލް ނާޝިދުގެ ނަންފުޅެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސް ވަނީ ހަ ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ. އެ ބޭފުޅުންނަކީ މުޙައްމަދު ސިރާޖް މުނީރު އާއި އަސްމާ ޝަފީޢު އާއި އިސްމާޢީލް ސާޖިދުގެ އިތުރުން އަޙްމަދު ޝަރީފް އާއި އަޙްމަދު ވާފިރު އަދި ހަމްދީ ޢަޤީލް އެވެ.

މީގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ފަތުޙުﷲ ޖަމީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ފާސްކޮށްފަ އެވެ. އެ މަޤާމަށް ފަތުހުﷲ އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ އިއްތިފާޤުންނެވެ.

އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަސްމާ ޝަފީއު، ވައިޖެހޭގެ/ ހއ. އިހަވަންދޫ އައްޔަންކުރަން ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަސްމާ އެމަޤާމަށް އައްޔަންކުރުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭ ގޮތަށް މީރާގެ ބޯޑުގައި ތިއްބަވާނީ މަޖިލީހުން އައްޔަންކުރާ ޖުމްލަ ހަތް މެމްބަރުންނެވެ.