ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމަޤާމަށް މަޙާޒު އައްޔަންކުރުމަށް ފާސްވީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާޤުންނެވެ. އަދި މަޙާޒު އެ މަޤާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.
މަޙާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު، ސ.ހުޅުދޫ، ގޯރަންވިލާ އޛ. ފާޠިމަތު ދިޔާނާ ސައީދުގެ ނަންފުޅެވެ. މި ދެބޭފުޅުންގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވެވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ދެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ދިރާސާކުރުމަށްފަހު ވަކި ގޮތަކަށް ލަފާއަރުވައިފައެއް ނުވެއެވެ. އެހެންކަމުން އަލުން އެ ކޮމިޓީއަށް ރިޕޯޓު ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ނިންމެވި އެވެ.
މަޙާޒުގެ ނަންފުޅަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއުކުރުމަށް ފަހު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައީސްއަށް “ހައިލީ ރިކޮމެންޑް” ކުރި ނަންފުޅެކެވެ. މިހާތަނަށް ޑްރަގު ކޯޓުގެ ޣާޒީ ކަމުގައި ހުންނެވި މަޙާޒުގެ މައްސަލައެއް މީގެ ކުރިން ޖޭއެސްސީ އިން ވަނީ ބަލާފައެވެ.