ދިވެހިރާއްޖޭ ގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް މިއަދު ފަށައިފިއެވެ. މިއަދު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ކޮޗިންއަށް ދަތުރު ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މިގެ އިތުރުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ، ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުތަކުގެ ސަބަބުން ހަނިމާދޫ އާއި އެ ސަރަހައްދަށް އާ ފުރުޞަތުތަކެއް ފަހި ވެގެންދާނެ ކަމަށާއި ހާއްސަކޮށް މި ދަތުރުތަކާއެކު މި ސަރަހައްދުގެ ޓޫރިޒަމް ފުޅާވާން އިތުރު ދޮރެއް ހުޅުވިގެންދާނެ ކަމަށް މޯލްޑިވިއަންގެ އެމްޑީ ރިޒްވީ ވިދާޅުވީއެވެ.
މޯލްޑިވިއަން އިން ހަފުތާއަކު ދެ ފްލައިޓް ކޮޗިންއަށް ބާއްވާނެއެވެ. މި ފްލައިޓް ތަކަށް މޯލްޑިވިއަން އިން ޓިކެޓު ވިއްކަނީ ހަނިމާދޫއިން 190 ޑޮލަރަށެވެ. އަދި މާލެއިން ޓިކެޓު ވިއްކަނީ 150 ޑޮލަރަށެވެ. ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ކޮޗިންއަށް އުޅެއެވެ. އާސަންދަ ސްކީމުގައި ހިމެނޭ ގިނަ ހޮސްޕިޓަލްތައް ކޮޗިން ހުރުމާއެކު ދިވެހިން އެންމެ ގިނައިން ފަރުވާއަށްދާ އިންޑިއާގެ ދެވަނަ ސިޓީ ކޮޗިން ވަނީވެފައެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއީއަށްވެސް ދަތުރު ކުރެއެވެ. ކޮޗިން ދަތުރާއެކު ޤައުމީ އެއާލައިން އިންޑިޔާގެ މަންޒިލްތަކުގެ އަދަދު ތިނަކަށް ވެގެނަދާނެއެވެ.