ހުރިހާ ގިންތިއަކަށް ވެސް ހަމަޖެހިލައިގެން ކާލެވޭނެ މާޙައުލަކާއި އެކު ތްރީ.އެސް ލައުންޖު ރީބްރޭންޑުކޮށް އަލުން ހުޅުވައިފިއެވެ.
ފޭދޫގައި ތްރީއެސް ލައުންޖު އަލުން ހުޅުވާފައިވަނީ، ފޭދޫ ބަނދަރާ ދިމާ ލިނކްރޯޑުގައި ސިޓީ ފިއުލު ކުރިމަތީގައެވެ. މިއީ ކުރީގެ ސީހައުސް ހިންގި އިމާރާތެވެ. މިތަން ރަސްމީކޮށް ރޭ ހުޅުވައިދެއްވީ އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤްއެވެ. އަލަށް ހުޅުވި ރެސްޓޯރެންޓާއި ބެހޭ ގޮތުން ތްރީއެސް ލައުންޖުގެ ފަރާތުން ހުސެއިން ބުނީ، މިއީ އައްޑޫގައި ތިބި ހުރިހާ ގިންތިއެއްގެ މީހުންނަށްވެސް ހިތްހަމަޖެހިލައިގެން ތިބެވޭނެ މާހައުލަކާއި އެކު ހުޅުވުނު ތަނެއް ކަމަށެވެ.
ހުސެއިން ފާހަގަ ކުރާ ގޮތުގައި މިތަނުގެ އެންމެ ހާއްސަ ޙިދުމަތަކީ، ސަދަން ޓްރާންސްޕޯޓު ލިންކު ފެރީގެ ޙިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ކޮށްގެން ‘ރެޑީ – މޭޑް’ ބައެއް ކެއުން ތަށް ތައްޔާރު ކުރެވިފައި ހުރުމެވެ. މީގެ ސަބަބުން ފޭރީއަށް އަރަން ލަސްވެގެން ދާ ފަރާތްތަކަށް ފަސޭހަވެގެން ދާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގެ ގެތަކަށް ހާއްސަ މެނޫއެއް ތައްޔާރު ކުރެވި ޑެލިވަރީ ޙިދުމަތް ދޭނެ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިންވެސް ތްރީއެސް ލައުންޖު ރެސްޓޯރެންޓެއްގެ ގޮތުގައި ހިންގިއެވެ. ނަމަވެސް އޭރު އެތަނުގެ ޙިދުމަތްތަށް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ މަދު ބާވެތެއްގެ ޕޭސްޓްރީ އަދި ފާސްޓު ފުޑްގެ މައްޗަށެވެ.
މިހާރު އަލުން ރީބްރޭންޑުކޮށް ތަޢާރަފު ކޮށްފައިވާ މެނޫގައި މައިގަނޑު ހުރިހާ ބާވަތެއްގެ ޑިޝެސް ހިމެނޭނެ ކަމަށް ހުސެއިން ބުންޏެވެ. ނަމަވެސް މިތަނުގެ އިންޑިއަން ކުޒީން އަކީ ތަޖުރިބާ ކޮއްނުލައި ދޫނުކުރެވޭނެ ވަރުގެ އެއްޗެއް ކަމަށް ހުސެއިން ފާހަގަ ކުރިއެވެ. ތްރީއެސް ލައުންޖު އަލުން ހުޅުވައި ޙިދުމަތް ދޭން ފަށާފައިވަނީ، 24 ގަޑިއިރު ހިންގާ ތަނެއްގެ ގޮތުގައެވެ.