މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނެތި ދިއުމަކީ މި ސަރުކާރަށް ކުރިމަތިވެދާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލާފައިވާ އަސްލަމް މިގޮތަށް ވިދާޅުވެފައިވަނީ ރޭ އެމްޑީޕީ ހަރުގޭގައި އަސްލަމްގެ ކެމްޕެއިނަށް ބޭއްވި މަޝްވަރާތަކެއްގައެވެ. މުހައްމަދު ނަޝީދަށް ވަރަށް ތާއީދު ކުރަށްވާ ރޭގައި އަސްލަމް ވިދާޅުވީ ނަޝީދަކީ އެމްޑީޕީގެ އަސްލު ބާނީ ކަމަށާއި ނަޝީދު ނެތިއްޖެ ނަމަ މުޅި ޕާޓީ ދެރަވެ ނިކަމެތި ވެދާނެ ކަމަށެވެ.
ރޭގައި ބޭއްވި މަޝްވަރާގައި އަސްލަމް ވިދާޅުވީ އޭނާ ޕާޓީގެ ނައިބަކަށް ހޮވިއްޖެ ނަމަ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް އެއް ބާއްވަން ވަކާލާތުކުރައްވާނެ ކަމަށެވެ. އަދި އިދާރީގޮތުން ޕާޓީ ވަރުގަދަކުރަންޖެހޭ ކަމަށާއި ޕާޓީގެ ގޮފިތަކުގެ މަސައްކަތްތައް އެ ގޮފިތަކުގެ ރައީސުން ކުރައްވަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ރޭގައި ވިދާޅުވީ މި ސަރުކާރު މިހިސާބަށް ގެނެވުނީ އެމްޑީޕީގެ ވަރަށް ގިނަ ސަޕޯޓަރުންގެ މަސައްކަތުން ކަމަށާއި ސަރުކާރު ގެނައުމަށް އެތަކެއް މުޒާހަރާތަކެއް ކުރި ކަމަށެވެ. އަދި ގިނަ ބަޔަކަށް އޭގެ ސަބަބުން ޖަލުގައި އަނިޔާ ލިބުނު ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.