English Edition
Dhivehi Edition

އައްޑޫ ސިޓީ އަކީ ދިވެހި ފުޓްބޯޅައިގެ ފަހުރުވެރި މާޒީއެއް އޮތް ތަނެކެވެ. އައްޑު އަކީ ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން އުފެދިގެން އައި ސިޓީއެވެ. މަޝްހޫރު އަބްދުﷲ މުފީދު(އުދުހޭ މުފީދު) ، ޝަންވީލް ގާސިމް(ބޮންޑާ) ،އަހުމަދު ސައީދު (އައްމަޓީ) ، މުހައްމަދު އާރިފް (ބަކާ) އަދި އިބްރާހީމް މަހުދީ(ހަބޭސް އިއްބެ) އަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު މޮޅު ކުޅުންތެރިންނެވެ. މީގެ އިތުރުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އައްޑޫ ސިޓީއަކީ ހުނަރުވެރި މޮޅު ގިނަ ކުޅުންތެރިންތަކެއް އުފެދިފައިވާ ސިޓީއެވެ.

މި ގޮތުން ސ.ފޭދޫ ސަފާ އަބްދުﷲ އިމްރާން(ހަބޭސް އިއްމެ) އަކީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުންތެރިއެވެ. އިއްމެގެ އާއިލާގައި ޖުމްލަ ހަތް މެމްބަރުން ތިބި އިރު އާއިލާގައި ހިމެނޭ ތިން ފިރިހެނުންނަކީ ފުޓްބޯޅަ އަށް މަރު ދޭ ހުނަރުވެރި މޮޅު ކުޅުންތެރިންނެވެ. އަބަދުވެސް ދަނޑުމަތީގައި ގޯލާއި ވަރަށް ރައްޓެހި ކުޅުމެއް ކުޅެމުން އަންނަ އިއްމެ އަކީ ކީޕަރުން ވެސް ޖެހިލުންވާހާ އަވަސްކަމާއެކު ގިނަ ފަހަރަށް ގޯލު ޖަހާ ކުޅުންތެރިއެކެވެ. “ފުޓްބޯޅައަށް ޝައުގުވެރިކަން އުފެދުނު ގޮތަކީ ކުޑައިރު އުޅުނީ ‘ވެލްޑް އޮފް ޓީމް’ ކުޅޭ އިރު އެ ޓީމަށް ބޯޅަ ނަގައިދޭން. އެހެން އުޅުމުގެ ތެރޭގައި ސަޑޭ ފޭދޫ އިން ނެގި ޓީމެއްގައި ޕްރެކްޓިސް އަށް ދިއުމުގެ ފުރުސަތު ލިބުނީ. އެހާ ހިސާބުން ކުޅެން ފެށީ.” އިއްމެ އަށް ފުޓްބޯޅައިގެ ތެރެއަށް ވަދެވުނު ގޮތާއި ބެހޭ ގޮތުން ‘އޭއޯ ނިއުސް’އަށް ދިން އިންޓަވިއުގައި ބުންޏެވެ. އޭގެ ފަހުން އެ ހިސާބުގަނޑުގައި އުޅޭ ކުޅުންތެރިންނާއެކު ‘ހަބޭސް’ގެ ނަމުގައި ޓީމެއް އުފައްދާ އިއްމެ ވަނީ ގިނަ މުބާރާތްތަކުގައި ބައިވެރިވެފައެވެ.

ފުޓްބޯޅައަށް އުފެދުނު ލޯތްބާއެކު ކުޅެން ފެށިގޮތަށް އައްޑޫގައި ބާއްވާ ކޮންމެ މުބާރާތެއްގައި އިއްމެ އަންނަނީ އޭނާގެ ހުނަރު ދައްކަމުންނެވެ. 2005ވަނަ އަހަރު ފަސްޓް ޑިވިޝަންގައި ‘އައިލެންޑް ފުޓްބޯޅަ ޓީމަށް’ ކުޅެފައިވާ، އިއްމެގެ ކުޅުމަށް ހުއްޓުމެއް އައީ ފައިގެ ލިގަމެންޓް ހަލާކުވެ ކުރަންޖެހުނު އޮޕަރޭޝަންގެ ސަބަބުންނެވެ. އެހާ ހިސާބުން ކުޅުމާއި ދުރުގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށްފަހު ދެން އިއްމެ ބޭނުންވީ ސިޓީގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވާށެވެ. މި ގޮތުން އައްޑޫގައި ބާއްވާ ގޯދިއްޔަކަޕް، ވަގުތު ފުޓްސަލް ކަޕް، މިނިވަން ކަޕް އަދި ޖުނާ ޗެލެންޖް ކަޕްގައި ބައިވެރިވެ އިއްމެވަނީ އޭނާގެ މޮޅު ކުޅުމާއެކު ގިނަ ކާމިޔާބީތައް ހޯދާފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ބެއްވި މިނިވަން ފަންސާސް މުބާރާތުގައި ފަރެސްމާތޮޑާ އާއި ދެކޮޅަށް ފައިނަލްގައި ކުޅެ ފޭދޫ އަށް ތަށި ކާމިޔާބުކޮށްދިން ޓީމުގައިވެސް އިއްމެގެ ހިއްސާބޮޑެވެ. ފުވައްމުލައް ކައުންސިލް މުބާރާތާއި އަދިވެސް ސިޓީ ފެންވަރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވަމުން އަންނަ އިއްމެ ބުނީ ޓީމަކަށް ކުޅެން އެއްބަސްވުމުގެ ކުރިން އަބަދުވެސް ރަގަޅު މޭނޭޖްމެންޓެއް އޮންނަ ޓީމެއްތޯ ޔަގީންކުރާކަމަށެވެ. “ޓީމްގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް ބަލަން. މީގެ އިތުރުން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ކޮބައިތޯވެސް ބަލަން”އިއްމެ ބުންޏެވެ.

އައްޑޫގައި ބާއްވާ ގިނަ މުބާރާތްތަކުގައި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އަބަދުވެސް ހިމެނޭ އިއްމެ ބުނީ މިހާތަނަށް ޖެހުނު އެންމެ ހަނދާނުން ފޮހެލަން އުދަގޫ ގޯލަކީ 2016 ވަނަ އަހަރު ގޯދިއްޔަ މުބާރާތުގެ ސެމީ ފައިނަލްގައި ޖެހި ގޯލުކަމަށެވެ. “އެކެއް އެކެއްގެ ނަތީޖާ އަކުން އެއްވަރުވެފަ އޮއްވާ އެންމެ ފަހު މިނިޓްގައި ޖެހި ގޯލުން ފައިނަލަށް ދިޔައީ. އެއީ ވަރަށް އުފާވި އަދި އެހާ ހަނދާނުން ފޮހެލަން އުދަގޫ ގޯލެއް”އިއްމެ ބުންޏެވެ. މީގެ އިތުރުން އިއްމެ ބުނީ މިނިވަން ކަޕް ފިޔަވާ އެހެން ހުރިހާ މުބާރާތެއްގައިވެސް އިއްމެ ބޭނުންވާ ޓާގެޓަށް ވާސިލްވެފައިވާ ކަމަށެވެ”އަބަދުވެސް މަސައްކަތްކުރަނީ ކޮންމެ މުބާރާތެއްގެވެސް ޓީމުގެ އެހެން ކުޅުންތެރިންނާއި އެކު މޮޅަށް ކުޅެ ޗެމްޕިއަންކަން ހޯދުން. މިނިވަންކަޕް ފިޔަވައި މިހާރު އައްޑޫގައި ބާއްވާ ހުރިހާ ބޮޑެތި މުބާރާތެއްގައި އެ އުއްމީދު ފުރިހަމަ ކުރެވިއްޖެ. އުއްމީދަކީ 2020 ވަނަ އަހަރު ބާއްވާ މިނިވަންކަޕްގައި އެ އުއްމީދު ފުރިހަމަ ކުރުން”އިއްމެ ބުންޏެވެ.

އައްޑޫގެ ފުޓްބޯޅަ އާއި މެދު އިއްމެ ކުރާ އުއްމީދުތައްވެސް ވަރަށް ގިނަ އެވެ. މި ގޮތުން އިއްމެ ބުނީ އައްޑޫސިޓީގެ ނަމުގައި އައްޑޫ ކުޅުންތެރިން ހިމެނޭ ޓީމެއް ފަސްޓް ޑިވިޝަން ގައި ކުޅުމަކީ އަބަދުވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމުގައެވެ. އަދި މިހާރު މިއޮތް ހާލަތުން އައްޑޫގެ ފުޓްބޯޅަ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ގައުމީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށް، ގައުމީ ޓީމު ހޮވުމުގައިވެސް އަތޮޅުތަކަށް އިސްކަން ދިނުމަކީ ކުޅުންތެރިން އުފެދި ކުރިއަރާ ދިއުމަށް ހުޅުވިގެންދާނެ ދޮރެއްކަމުގައި އިއްމެ ގަބޫލުކުރެއެވެ.

ސާފު ސުޒުކީ ތަށި ރާއްޖެއަށް ހޯދައި ދިނުމުގައި އިސް ދައުރެއް އަދާކުރި އިއްބެ އާއި މެދު އަބަދުވެސް ފޮނި އުއްމީދެއް ކުރަމުން އަންނަ އިއްމެ ބުނީ އިއްބެއަށް ރާއްޖެއިން ބޭރުގެ ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބޭނެ ދުވަހަކަށް އުއްމީދުކުރާކަމަށެވެ. މީގެ އިތުރުން ގިނަ މުބާރާތްތަކުގައި ކޮއްކޮ ލިރުއާމް(ލިރު) އާއި އެއް ޓީމަކަށް ކުޅޭ އިއްމެ ބުނީ މިހާރުވެސް ގަބޫލުކުރާ ގޮތުގައި ލިރު އަކީ އައްޑޫގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ.މިހާރުވެސް ސްކޫލްކުދިންގެ މުބާރާތުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިއްމެގެ ދަރިފުޅު އީތަން ގައުމީ ޓީމަށް ކުޅޭނެ ދުވަހަކީ އެންމެ ދެކެން ބޭނުންވާ ދުވަސްކަމުގައި އިއްމެ ވަނީ ބުނެފައެވެ.

 

މީގެ އިތުރުން އިއްމެ ބުނީ ކުޅުމުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާ އާއި ރައްޓެހިން އަދި ސަޕޯޓަރުންގެ ފަރާތުންކަމަށެވެ. “މި ފުރުސަތުގައި ބޭނުންވޭ އިއްމެގެ ކޮންމެ ކާމިޔާބީއެއްގައިވެސް ހިއްސާވާ އެންމެންނަށް ޝުކުރު އަދާކޮށްލަން. ވަކިން ނަން ކިޔަން ވަރަށް އުދަގޫ. އެހާވެސް ގިނަ މިހުންގެ އެހީތެރިކަމާ، ހިތްވަރުން މިހާ ހިސާބަށް އާދެވުނީ. އެހެންކަމުން އާއިލާއާއި ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތައް އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” ނިންމާލަމުން އިއްމެ ބުންޏެވެ.

‘އޭއޯ ނިއުސް’ އިން އެދެނީ އިއްމެ އަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށެވެ.