ދިވެހިރާއްޖެ އިން އ.ދ. ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަދޭނެ ކަމަށާއި އ.ދ.ގެ ޗާޓަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތްކުރުމަކީ އެޖަމާޢަތުގައި ހިމެނޭ އެންމެހާ ޤައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ 74 ވަނަ އ.ދ. ދުވަހުގެ މުނާސަބާތުގައި އެމަނިކުފާނު ފޮނުވި މެސެޖުގައެވެ. އެމަނިކުފާނު ވިދާޅުވީ އ.ދ. ދުވަހެއް ފާހަގަކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްޙައަށް މަގުފަހިކުރުމުގެ އަޒުމް ވަރުގަދަކުރުމަށް ކަމަށެވެ. އަދި ރައީސް ވަނީ އ.ދ. އުފެއްދުމުގެ މަޤްޞަދުތައް ހާޞިލްކުރުމުގައި ސާބިތުކަމާއެކު މިހާތަނަށް ރާއްޖެއިން ދެމިއޮތްކަން ފާހަގަ ކުރައްވާފައެވެ.
މިއަދު އ.ދ. ގެ 74 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން ދާއިރު މިދުވަސް ފާހަގަ ކުރަމުން އަންނަނީ 1948 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުގައެވެ.