ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި މަޖިލީހަށް ފޮނުވާފައިވާ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދު ގާޒީކަމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
ރާޣިބްއާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.އެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވަނީ އޭނާ މަގާމުން ވަކިކުރަން ނިންމާ އެ ކަން މަޖިލީހަށްވެސް ހުށަހަޅާފައެވެ. ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް، ރާޣިބް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީން ބެލީ ޒާތީ ތައައްސަބުން ފުރިގެން ތިބެ، ހުދުހުމުތާރުކަމާއި އަނިޔާވެރިކަން އިސްކޮށްގެން ކަމަށެވެ.
މިއަދު އިސްތިއުފާދެއްވުމަށްފަހު ރާޣިބު ވިދާޅުވީ ޖޭއެސްސީއިން މިހާރު އަޅަމުން ދާ ފިޔަވަޅު ތަކަކީ، ވަކި ސިޔާސީ ބަޔަކު ސިޔާސީ ވިސްނުމެއްގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރެވޭތީ އިސްތިއުފާދެއްވީ ކަމަށެވެ.
ކޯޓްގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކުރިކަމުގެ ތުހުމަތުގައި ރާޣިބުގެ މައްޗަށް ކޮށް އެ މައްސަލަ ބަލާފައިވާއިރު އޭނާ ވިދާޅުވީ އެއީ ކޯޓުގެ މުވައްޒަފުންގެ ކަންކަމާއި އެހެން ވެސް އިދާރީ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުމުން އޭނާއާ މެދު ބައެއް މުވައްޒަފުން ހިތް ހަމަ ނުޖެހި ޒާތީ ގޮތުން އުފުލި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
ރާޣިބް ވަނީ ޝަރުއީ ދާއިރާގައި 27 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.