English Edition
Dhivehi Edition
ހިޔާ މަޝްރޫއުގެ ފްލެޓްތައް /ފޮޓޯ: ޕީއެސްއެމް

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފައިވާ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަނިޔާ ލިބުނު ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ އޮހޮރެމުންދަނިކޮށް، އެހެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަނީ އެޕާޓްމަންޓަކުން ބޭރަށް ނެރެފައެވެ. މި ހާދިސާ ހިނގި ވަގުތު އާންމުންގެ ބަޔަކު އެ ފުލުސް މީހާއާ ކުރިމަތިލުމަށް މަސައްކަތް ކުރާ މަންޒަރު ވެސް ފެނެއެވެ.

ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އެ ފުލުސް މީހާގެ ރަސްމީ ޑިއުޓީގެ ތެރެއިންނެއް ނޫނެވެ. އަދި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ އޭނާގެ ރަސްމީ މަސައްކަތާ ގުޅުންހުރި ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން އެ ފުލުސް މީހާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހުތުރު ތުހުމަތުތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުންގެ އޮފީހުން ބުނީ މި މައްސަލައިގެ ވަށައިގެންވާ ކަންކަން މިހާރު ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު ތަފްސީލުތައް އާންމުކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.