ގުޅީފަޅު ގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށެވެ.
މިކަމާ ގުޅޭ އެއްބަސް ވުމުގައި ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑެވެ. ގުޅިފަޅުގެ ހަ މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމުގެ ކަންކަން މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. ސަރުކާރުން މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 180 ދުވަހެވެ.
އެމް.ޓީ.ސީ.ސީ އާއި ބިންހިކުމުގެ މި މަޝްރޫއު ހަވާލު ނުކުރެއްވުމުން ކުރީގެ ހައުސިން މިނިސްޓަ މުހަންމަދު މުއިޒް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މުއިޒް ވިދާޅުވި ގޮތުގައި އެމް.ޓީ.ސީ.ސީ ގެ މަހާޖައްރާފު ބޭނުންކޮށް އެންމެެ ގިނަވެގެން 37 މިލިއަނަށް ޑޮލަރަށް ބިން ހިތްކޭނެ ކަމަށާއި 7 މިލިއަން ޑޮލަރަށް ތޮށި ލުމުގެ ކަންކަން ނިންމެނެ ކަމުގައެވެ. އަދި މިކަމަށް ހަރަދުވާ ފައިސާ ލިބިގެންދާނީ ދިވެހިން ޙިއްސާވާ ދިވެހި ކުންފުންޏަކަށެވެ. މިގޮތަށް މުއިޒް ވިދާޅުވެފައިވާނީ ކުރެއްވި ޓުއިޓެއްގައެވެ.
ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް އެޅުމަށް 1.6 މިލިއަން ޑޮލަރަށް ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަާއަށް މި ސަރުކާރުން މިގެ ކުރިން ވަނީ ހަވާލުކޮށްފަ އެވެ.