ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދުމަށް ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި މުބާރާތް ފަސްކޮށްފައިވަނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި، ޝަހީދުންގެ ބިނާ ފަރުމާކުރުމަށް އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހެޅުމުގެ ފުރުޞަތު ގިނަ ބަޔަކަށްދީ، އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންކަމަށެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ހުޅުވާލި ފުރުސަތެކެވެ.
ޝަހީދުންގެ ބިނާ ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން އިޢުލާނުކޮށްފައި އޮތީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުގެ ތާރީޚެއްގައި އަލުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.