English Edition
Dhivehi Edition
ކޯޕަރޭޓް ސްކޮލަރޝިޕް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ސްކީމްގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ ވެރިން، ނައިބު ރައީސް ފައިސަލް ނަސީމް އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އާއެކު - ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ (ޓްވިޓާ)

ބޭރުގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި، “ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމް”ގެ ނަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އާ ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކޮށްފި އެވެ.

މި ސްކޮލަރޝިޕް ސްކީމަކީ ބޭރުގެ ޔުނިވަރސިޓީތަކުން ދިވެހި ސަރުކާރަށް ދޭ ޕާޝަލް ސްކޮލަރޝިޕްތަކުގެ ބާކީބައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކައިދޭނެ އެވެ. އޭރުން އެ ސްކޮލަރޝިޕް ފުލީ ފަންޑެޑް ސްކޮލަރޝިޕަކަށް ބަދަލުވެގެންދާނެ އެވެ. މިގޮތަށް ހެދުމުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމަށް ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރާއި ކުންފުނިތަކާމެދު ވެވުނު އެއްބަސްވުން އެ ކުންފުނިތަކާއި ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެވެ. މިއަދުގެ ރަސްމިއްޔާތުގައި ހަތް ކުންފުންޏަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ދިރާގު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖު ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވެސް ހިމެނެއެވެ. އަދި އަމިއްލަ ކުންފުނިތައް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހިމެނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ބޭރުގެ ޔުނިވަރސިޓީތަކުން ޑިސްކައުންޓް ރޭޓެއްގައި ކިޔެވޭނެ ފުރުސަތުތައް ލިބެމުން އަންނަ ކަމަށާއި، ނަަމަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފުމުގައި މާލީ ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކަށް ފެނުނީ މީހުން ބިނާކުރަން ޖެހިފައިވާ ބަޔަކާ އެކީ އެކަމައިގެން ކުރިއަށް ދިއުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އެ މިނިސްޓްރީ އިން ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމަށްފަހު، ސްޕޮންސަރކުރާ ކުންފުންޏަކާއި އެ ދަރިވަރަކާމެދު އެއްބަސްވުމެއް ޤާއިމްކުރާނެ ކަމަށެވެ.
މި ސްކީމްގެ އެހީގައި ސްކީމްގައި ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީ ތަޢުލީމު ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިގެންދާނެ އެވެ.