މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާއި އިންޑިޔާގެ އަސްކަރިއްޔާ ގުޅިގެން އިންޑިޔާގެ ޕޫނޭގައި ކުރިއަށްދިޔަ “އެކްސަސައިޒް އެކުވެރިން 2019” ގެ ތަމްރީނުތައް މިއަދު ނިންމާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުތަކަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒް ތަކެއް ކަމަށެވެ.
މި ތަމްރީންތައް ކުރިޔަށް ގެންގޮސްފައި ވަނީ މިމަހުގެ 7 އިން 20 ވަނަ ދުވަހާއި ހަމަޔަށާ އިންޑިއާގެ ޕޫނޭގައި އެވެ. އެމްއެންޑީއެފް ގެ މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ވަނީ މިއެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ޤައުމެއްގައި މި އެކްސަސައިޒް ބާއްވަމުން އަންނަ ކަމަށާއި މިދިޔަ އަހަރު މި އެކްސަސައިޒް ބޭއްވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައެވެ.
މިއެކްސަސައިޒުގައި ކިޔަވައިދެއްވީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.