English Edition
Dhivehi Edition

ކަޕިލް ޝަރުމާގެ މަގުބޫލު ޝޯ “ދަ ކަޕިލް ޝަރުމާ ޝޯ” އާ އެކު ގިނަ ބަޔަކު ހެއްވަމުންދާ ކުރުޝްނާ އަބީޝެކް އަށް މިވަނީ ޝޯގައި ދިމާވި ހީވެސްނުކުރާ ފަދަ ކަމެއްގެ ސަބަބުން ބޮޑު ހައިރާންކަމަކާއި ހިތާމައެއް ލިބިފައެވެ. ކޮންމެ ހަފްތާ ބަންދެއްގައި ސޮނީ ޓީވީ އިން ދައްކަމުން އަންނަ ކަޕިލް ޝަރުމާ ޝޯގައި ކަޕިލް އާއި ބާތީގެ އިތުރުން ކުރުޝްނާ ގެ މަޖާ ވާހަކަތަކުން ގިނަ ބަޔަކު ހެއްވަމުންދާއިރު އެ ޝޯގެ އެޕިސޯޑަކުން ކުރުޝްނާ ނުފެނި ދިއުމަކީ ޝޯއަށް ލިބޭނެ ފަޅުކަމެއްކަން ޔަގީނެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ ހީވެސް ނުކުރާފަދަ ގޮތަކަށް ކަންތައްތައް ދިމާވެފައެވެ.

1990 ގެ އަހަރުތަކުގެ މަޝްހޫރު ތަރި ގޯވިންދާއާއި އޭނާގެ އަންހެނުން ސުނީތާ ކަޕިލް ޝަރުމާ ޝޯގައި ބައިވެރިވެފައިވަނީ އެމީހުންގެ ދަރިފުޅުގެ އަލްބަމް ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ. ގޯވިންދާ ޝޯގެ މެހެމާނެއްގެ ގޮތުގައި އަންނަން އުޅޭތީ އެންމެ އުފާވި އެކަކީ ކުރުޝްނާ އެވެ. އޭނަގެ ބޮޑުބޭބޭ ގޯވިންދާ އާއި އެކު ޝޯގައި ބައިވެރިވެ ބެލުންތެރިން ހެއްވާލުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކުރުޝްނާ އަށް ހައިރާންކަން ލިބުނީ އެ ރޭގެ ޝޯގައި އެއްވެސް ގޮތަކަށް ކުރުޝްނާ ބައިވެރިކުރަން ބޭނުން ނޫންކަމުގައި ގޯވިންދާގެ އަންހެނުން ސުނީތާ ބުނުމުންނެވެ. އެހެންކަމުން އެ ރޭގެ ޝޯގައި އެއްވެސް ގޮތަކަށް ކުރުޝްނާ ސްޓޭޖުން ފެނިފައިނުވާއިރު ގިނަ ބަޔަކުވަނީ އެކަމާއި ބެހޭ ގޮތުން ކުރުޝްނާ އާއި ސުވާލުކޮށްފައެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކުރުޝްނާ ބުނީ އެ ރޭގެ ޝޯގައި ބައިވެރިނުވީ އެ ގޮތަށް ސުނީތާ ބޭނުންވުމުންކަމަށާއި އެކަމާއި އެއްވެސް މައްސަލައެއް ނުޖެއްސީ އޭނަގެ ބޮޑުބޭބޭގެ ދަރިފުޅަށްޓަކައި ކަމަށެވެ. ” އަހަރެމެން ދެއާއިލާގެ މެދުގައި އުފެދުނު ކުޑަކުޑަ އޮޅުމެއްގެ ސަބަބުން ސުނީތާ ހިތްހަމަނުޖެހުނީ” ކުރުޝްނާ ބުންޏެވެ. އެ މައްސަލައިގެން ތަފްސީލް ހާމަކުރަމުން ކުރުޝްނާ ބުނީ އޭނަގެ އަންހެނުން ކަޝްމީރާ ކުރި ޓުވިޓެއްގެ ސަބަބުން ސުނީތާ ހިތްހަމަނުޖެހުނީ ކަމަށާއި އެ ޓުވިޓާގެ ވާހަކަ ސާފުކޮށްދިނުމުންވެސް އެކަން ގަބޫލުކުރަން ބޭނުން ނުވީ ކަމަށެވެ.