English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްޤީވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިރޭ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން ރޮޒެއިނާ ވިދާޅުވީ އައްޑޫ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އިއްޔެ ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި، އަދި މިއަދު މޭޔަރ އަބްދުﷲ ޞާދިޤު (ސޯބެ) އާއެކު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާވެސް ބައްދަލުކުރައްވާފައި ކަމަށެވެ.

އައްޑޫގެ މަޝްރޫޢުތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، މިވަގުތު މަސައްކަތް ކުރެވެމުންދާ މައިގަނޑު ހަ މަޝްރޫޢެއްވެސް ރޮޒެއިނާ ވަނީ ފާހަގަކުރައްވައިފަ އެވެ. އެ މަޝްރޫޢުތަކަކީ މަގު ހެދުމާއި، ބިން ހިއްކުމާއި، އިންޖީނުގެ އާއި ބަނދަރު ހެދުމުގެ އިތުރުން ގެސްޓް ހައުސް އާއި ސޯޝަލް ހައުސިންގ އެވެ.

ރޮޒެއިނާ ވިދާޅުވީ މީދޫގެ ބޮޑުމަގު ހަދަމުންދާ ކަމަށާއި، ކުރިއަށް އޮތް އަހަރަށް އިތުރު މަގުތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، މަރަދޫފޭދޫގެ ބޮޑުމަގުގެ އިތުރުން މަރަދޫފޭދޫ ސްކޫލް ހުންނަ ހުރަސް މަގާއި، އިރުޝާދިއްޔާ ސްކޫލްގެ ހުރަސްމަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ. އަދި މަރަދޫފޭދޫ ސޯޝަލް ހައުސިންގގެ ދަށުން ހެދުމަށް ހުޅުވާލި 81 ފުރުސަތަށް 81 މީހުން ކުރިމަތިލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަރަދޫފޭދޫގެ ގެސްޓް ހައުސް ޕްލޮޓްތައް ކަނޑައެޅޭނީ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމަށްފަހު އަންނަ އަހަރު ކަމުގައިވެސް ރޮޒޭ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މީދޫގެ ސޯޝަލް ހައުސިންގގެ ދަށުން ހެދުމަށް ހުޅުވާލި 160 ފުރުސަތަށް 49 ކުރިމަތިލާފައިވާއިރު، ބާކީ ފައިސާ ބޭނުންކުރެވޭނީ ފްލެޓާއި ރޯ ހައުސް ހެދުމަށް ކަމަށް މޭޔަރ ސޯބެ މަޢުލޫމާތު ދެއްވި ކަމަށެވެ. އަދި މީދޫގައި ގެސްޓް ހައުސް ހެދުމަށް 15 ޕްލޮޓް ކޯގަން ސަރަޙައްދުން ކަނޑައަޅައި، އިއުލާންކޮށްފައިވާ ކަމަށްވެސް ރޮޒޭ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ މީދޫ އަދި މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހުޅުމީދޫ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި މީދޫ އަށް އާ ޖެނެރޭޓަރެއް ގެނެވި ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރު، އިރުޝާދިއްޔާ ސްކޫލް މޮޑެލް ސްކޫލެއްގެ ގޮތުގައި ތައްޔާރުކުރުމުގެ މަސައްކަތް މި އަހަރު ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ރޮޒޭ ވިދާޅުވި އެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ތާރު އަޅާފައިވާ އައްޑޫގެ ގިނަ މަގުތަކެއް ވަނީ ހަލާކުވެފަ އެވެ. އަދި އައްޑޫގެ މަގުތަކުގައި ފެންހިންދުމުގެ ރަނގަޅު ނިޒާމެއްވެސް މިހާތަނަށް ޤާއިމްކުރެވިފައެއް ނުވެއެވެ. އޭގެ ސަބަބުން މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫގެ ރަށްތަކަށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ވަނީ ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެސް ވެފައެވެ.