English Edition
Dhivehi Edition
ޤާޟީ ހަސަން ސައީދު - ފޮޓޯ: މިހާރު

ފިޔަވަޅެއްގެ ގޮތުން ނަސޭހަތްދިނުމާއެކު ފެމިލީ ކޯޓުގެ އިސްޤާޟީ ހަސަން ސައީދު، ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޤާޟީ ހަސަން ސައީދުއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާ ގުޅިގެން، މިދިޔަ ޖޫން މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލަ ޖޭއެސްސީ އިން އެކުލަވާލި ތަޙުޤީޤު ކޮމިޓީއިން ބެލުމަށްފަހު ނިންމީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާކަމަށާއި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.

އެ ނިންނުމަށް ޖަވާބުދާރީވުމަށް ޤާޟީ ހަސަން އަށް އިން ފުރުސަތުގައި ލިޔުމުން ޖަވާބު ހުށަހެޅުމުން، އެ ޖަވާބަށް ރިޢާޔަތްކޮށް ޖޭއެސްސީ އިން ނިންމީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށް ނިންމި ނިންމުން ދެމެހެއްޓުމަށެވެ. އަދި ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްދިނުމާއެކު ޤާޟީ ހަސަން މިހާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމަށް ކަމަށާއި، ބަދަލުކުރަން ނިންމާފައިވަނީ ކްރިމިނަލް ކޯޓަށް ކަމުގައިވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެ ކުރިންވެސް ޖޭއެސްސީ އިން ބެލި މައްސަލައަކާއި ގުޅިގެން ޤާޟީ ހަސަން ވަނީ ސަސްޕެންޑްކޮށްފައެވެ. ޤާޟީ ހަސަން އަކީ ފެމިލީ ކޯޓުގެ އިސް ޤާޟީކަން ގިނަ މުއްދަތަކަށް ކުރައްވާފައިވާ ބޭފުޅެކެވެ.