English Edition
Dhivehi Edition

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންކަމް ޓެކްސްގެ ބިލް ހުށަހަޅައިފި އެވެ.

މިއަދު ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުންވަނީ އިއްވާފައެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ބިލާއި ބެހޭ ގޮތުން ވާހަކަދައްކަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40،000 (އަހަރަކު 480،000 ރުފިޔާ) އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށްކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ އިންކަމް ޓެކްސް ތައާރަފުވެ އަންނަ އަހަރުގެ ތެރޭގައި ޓެކްސް ނެގެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށާއި އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އާމްދަނީ ލިބޭ އާބާދީއަކީ ދެލައްކަ ކަމަށާއި މީގެ ތެރެއިން އިންކަމް ޓެކްސް ދައްކަންޖެހޭނީ 6،000 އެއްހައި މީހުންކަމަށެވެ.

އާމްދަނީ އިން ޓެކްސް ނަގަން ފަށަނީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގައެވެ.