ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އަލްހާން ފަހުމީއަށް ދެވުނު މިހަމަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމްގެ މައްޗަށެވެ.
އާރޓިފިޝިއަލް ބީޗްގައި ހުރި ރެސްޓޯރެންޓެއްގައި އަލްހަން ހުންނަވިނިކޮށް ބުރަކަށްޓަށް ދިން ޙަމަލާގެ ސަބަބުން އޭނާގެ މައިބަދައަށް ގެއްލުންވެ،ރާއްޖެއިން ބޭރުންފަރުވާ ހޯދަން ޖެހުނެވެ.
މުޙައްމަދު ނަސީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މި ދައުވާއަށް ނަސީމްވަނީ އިންކާރުކޮށްފައެވެ. ނަމަވެސް އަލްހާނަށް ޙަމަލާދިނީ ނަސީމްކަމަށް ސިއްރު ހެކިވެރިޔަކު ހެކިބަސްދީފައިވާތީއާއި އަދި އެހާދިސާއަށްފަހު އެސަރަޙައްދުގެ ގެއަކުންފެނުނު ލޭހޭކިފައިވާ ވަޅީގެ ތަހްލީލްތައް ހެދިއިރު އެވަޅިން އަލްހާންގެ ޑީއެންއޭ ފޮރެންސިކްތަޙްލީލު ތަކުން އެނގޭކަމަށާއި،ހެކިންގެ ހެކިބަހާއި ގުޅިފައިވާ ޤަރީނާ ތަކުން ނަސީމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ނަސީމް އެ ދައުވާ އަށް އިންކާރު ކުރިޔަސް، އަލްހާނަށް ހަމަލާދިނީ ނަސީމް ކަމަށް ސިއްރު ހެކިވެރިއަކު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާ އަށް ފަހު އެ ސަރަހައްދު ގެއެއްގެ ތެރެއިން ލޭ ހޭކިފައި އޮތް ވަޅިއެއް ފެނުނު ކަން ހެކިންގެ ބަހުން އެނގޭއިރު އެ ވަޅި އަކީ ނަސީމްގެ އަތުގައި އޮތް ވަޅި ކަމަށް ސިއްރު ހެކިވެރިޔާ ބުނެފައިވާ ކަމަށާއި އަދި އެ ވަޅީގެ ތަހުލީލުތައް ހެދިއިރު އެ ވަޅިން އަލްހާންގެ ޑީއެންއޭ ފެނުނު ކަން ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހަމަލާ ދިން މީހާ ދުވެފައި ދަނިކޮށް އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ މީހާ އާއި ނަސީމާ އެއްގޮތް ތިން ސިފައެއް އެކުލެވޭ ކަމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި ނަސީމް ފިލަން ވަދެ ހުއްޓާ ހައްޔަރު ކުރިކަން އެހެން ހެކިންގެ ބަހުން އެނގޭތީ ހެކިންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން ނަސީމްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ނަސީމްގެ މައްޗަށް ކޮށްފައިވަ ޙުކުމް ބިނާވެފައިވަނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ،ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން ނަސީމް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި އެ ކުށް ކުރުމުގައި ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އިތުރު ދެ އަހަރުގެ ޖަލު ހުކުމަކާ އެކު، ޖުމްލަ ހަތް އަހަރަށް ނަސީމް ޖަލަށްލާން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަލްހާނަށް ހަމަލާދިން މައްސަލާގައި އިތުރު ފަރާތަކަށް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ދަޢުވާ ކޮށްފައި ނުވެއެވެ.