އިސްތަށިގަނޑަކީ އިންސާނާގެ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއް ބައެވެ. އަހަރެމެން ފިލްމީތަރިން އަދި އެނޫނަސް މަޝްހޫރު މީހުންގެ އިސްތަށިގަނޑުފެނިފައި އާޝޯހުވެފައި ތިބެ އިޝްތިހާރު ތަކުން ފެންނަ ތަފާތު ކެމިކަލް އެކުލެވޭ ތެލާއި ކްރީމް އިސްތަށިގަނޑުގައި އުނގުޅާއިރު އެކަމާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާ ނުލެވެއެވެ. ހަގީގަތަކީ ކެމިކަލް ބޭނުން ކުރުމަށް ވުރެން ދުޅަހެޔޮ ރީތި އިސްތަށިގަނޑެއް ލިބޭނެ އެންމެ ރަނގަޅު ގޮތަކީ ކާކެއުމުގައި އިސްތަށިގަނޑަށް ފައިދާ ލިއްބައިދޭ ކާނާބޭނުން ކުރުމެވެ. އެގޮތުން ތިރީގައި މިވާ ކާނާ ކެއުމުގައި ހިމަނާށެވެ.
ބިސް:
އަޅުގަނޑުމެންގެ ތެރޭގައި ގިނަބަޔަކު އިސްތަށިގަނޑު ދޮންނަން ބިސް އެކުލެވޭ ޝޭމްޕޫ އަދި ކޮންޑިޝާނާ ބޭނުން ކުރެއެވެ. މި ތަކެއްޗަކީ ކެމިކަލް އެކުލަވައި ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. އެންމެ ރަނގަޅުގޮތަކީ ކެއުމުގައި ކޮންމެ ދުވަހަކު ބިސްބޭނުން ކުރުމެވެ. ބިހުގައި ހިމެނޭ ޕްރޮޓީން އަދި ބައިއޮޓިން އަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ މާއްދާއެކެވެ.
ކައްޓަލަ:
ސެބަމް އަކީ މަޑު ރީނދޫ ކުލައެއްގައި ހުންނަ އިސްތަށިގަނޑަށް ބެނުންވާ ތެލުގެ މާއްދާއެކެވެ. ކައްޓަލައިގައި ހިމެނޭ ވިޓަމިން އޭ އިން ސެބަމް އުފެއްދުމަށް މަގުފަހިކޮށްދީ އިސްތަށިގަނޑު ދުޅަހެޔޮކޮށްދީ ހަދައެވެ.
ސްޕިނެޗް:
ފެހިގަދަ މިފަތަކީ ހަމައެކަނި ލޮލަށް ފައިދާ ލިއްބައިދޭ އެއްޗެއް ނޫނެވެ. ސްޕިނެޗްގައި އެކުލެވޭ ފޮލޭޓް، އަޔަން، ވިޓަމިން އޭ އަދި ސީ އަކީ އިސްތަށި ފެޅުމަށް އަދި އިސްތަށިގަނޑު ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ މާއްދާތަކެވެ.
ފެޓީ ފިޝް:
މަސްކެއުމަށް ލޯބިކުރާ މީހުންނަށް އެނގޭހެއްޔެވެ؟ ސެލްމޮން، ހެރިންގ އަދި މެކެރެލް މަހަކީ އޮމޭގާ 3 ފެޓީ އެސިޑް އިން މުއްސަނދި ވެފައިވާ މަސްތަކެވެ. ސިއްޙީ މާހިރުން ބުނަނީ ދިގު ކަޅު ރީތި އިސްތަށިގަނޑެއް ބޭނުން ނަމަ ހަފްތާ އަކު ދެފަހަރު މިއިން ވައްތަރެއްގެ މަސްބޭނުން ކުރުމުން ނަތީޖާ ފެންނާނެ ކަމަށެވެ.
އެވަކާޑޯ:
އެވަކާޑޯ އަކީ އޭގައި ވިޓަމިން އީ އެކުލެވޭ މޭވާ އެކެވެ. ސިއްޙީ މާހިރުން ބުނާގޮތުގައި މީގައި ހިމެނޭ ފެޓީ އެސިޑަކީ ބޮލުގައި ހަންފޮޅުމުން ދުރުކޮށްދޭ އަދި އިސްތަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކޮށްދީ އިސްތަށިގަނޑު ރީތިކޮށްދޭ އެއްޗެކެވެ.
ސްވީޓް ޕެޕާ:
ސްވީޓް ޕެޕާ އަކީ އޭގައި ވިޓަމިން އޭ އަދި ސީ އެކުލެވޭ ތަރުކާރީ އެކެވެ. ސިއްޙީ މާހިރުން ބުނަނީ ކެއުމުގައި ސްވީޓް ޕެޕާ ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ ދިގުކޮށްދެއެވެ. ބިއުޓީ ތެރަޕިސްޓުން އާންމުގޮތެއްގައި ޕެޕާ ޕޭސްޓް ތައްޔަރުކޮށް އިސްތަށިގަނޑުގައި އުގުޅައެވެ.
ޒީނަތް ތެރިވުމަށް އަޅުގަނޑުމެން ބޭނުން ކުރާ ކެމިކަލް އެކުލެވޭ ތަކެއްޗަކީ އޭގެން ވާފައިދާ އަށް ވުރެބޮޑަށް ގެއްލުން ވާއެއްޗިއްސެވެ. އެހެން ކަމުން ޒީނަތް ތެރިވުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ރަނގަޅުގޮތަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިންތަކާއި ކާނާ ކޮންމެ ދުވަހަކު ބޭނުން ކުރުމެވެ.