English Edition
Dhivehi Edition

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން ކުރިއަށް ގެންދާ “މުދައްރިސުންގެ އަޖައިބު ރޭސް” ގައި ދެކުނުގެ 4 އަތޮޅުގެ ސްކޫލްތަކުން ޓީމުތައް ބައިވެރިކޮށްފިއެވެ.

ދެކުނުގެ 4 އަތޮޅުގެ ސްކޫލް ތަކުގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި އައްޑޫސިޓީ، ފުވައްމުލައް އަދި ގާފު އަލިފު އަތޮޅާއި އަދި ގާފު ދާލު އަތޮޅުން ވެސް މިހާރު ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ގދ. އަތޮޅު މަދުރަސާގެ އެންމެ ޓީމަކުން ބަިއވެރިވެފައިވާތީ އެ އަތޮޅުގައި މުބާރާތް ނުބާއްވާ ގޮތަށް ސްކީމުން ވަނީ ނިންމާފައެވެ. ނަމަވެސް ފަހުން އެ ސްކޫލުން 3 ޓީމު ހަމަކޮށް އެ ފުރުސަތު ލިބުމަށް ބޭނުން ވުމުން އެ އަތޮޅުގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދާ މި މުބާރާތުގައި އައްޑޫސިޓީން 13 ޓީމު ، ފުވައްމުލަކުން 5 ޓީމު އަދި ގއ އިން 7 ޓީމު އަދި ގދ. އިން 3 ޓީމު ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެ ހަރަކާތް އެ އަތޮޅެއްގައި ވަކިން ނެވެ. ނަމަވެސް ހަރަކާތް ކުރިއަށް ގެންދާނީ ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުގެ ބެލުމުގެ ދަށުން އެއްދުވަހެއްގައެވެ.

މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ރޭހުގައި ދެކުނުގެ 4 އަތޮޅުގެ ކޮންމެ ސްކޫލަކުން މުދައްރިސުންނަށް ބައިވެރިވެވޭ އިރު، ކޮންމެ އަތޮޅަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމު ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަތޮޅަކުން ވެސް 1 ވަނަ ހޯދާ ޓީމަކަށް ރާއްޖޭން ބޭރުން ތައުލީމީ ދާއިރާއާއި ގުޅުން ހުރި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ސްކީމުން ހޯދައިދޭނެއެވެ. މީގެ އިތުރުން ވެސް ތަފާތު އެކިވަނަ ތަކަށް އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“މުދައްރިސުންގެ އަޖައިބު ރޭސް” ގައި ގިނަ ފަރާތްތަކަކުން ވަނީ ސްޕޮންސަރ ގެ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ. އެގޮތުން މުބާރާތުގެ ޕްރިންޓިން ޕާޓްނަރ ގެ ގޮތުގައި ކޮންޓްރޯލް ޕީ އިން އެހީތެރިކަން ފޯރުކޮށް ދެއްވަވާފައިވާއިރު އީކުއޭޓަރވިލެޖް، ޕުލްމަން މޯލްޑިވްސް މާމުތާ، ޗާމިން ލޮޖް(އައްޑޫސިޓީ)، މަލްޓި ސްޕަމާޓް(އައްޑޫސިޓީ)، ވައިޓްކޮލަރ ކޮފީ ކުލަބް(ފުވައްމުލައް) ސިތާނާ(ފުވައްމުލައް) އައްސެރިއާ(ފުވައްމުލައް) އަލީލާ (ގއ.ވިލިނގިލި) އެކެފަރު އިން (ގަ.ވިލިގިނލި) ފްރީ ސައިޒް މޯލްޑިވްސް (ގއ.ވިލިނގިލި) ތިއަރީ ޕްރީ ސްކޫލް (ގއ.ވިލިނގިލި) އިން ވަނީ ސްޕޮންސަރ ގެ އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.

މީގެ އިތުރުން އައްޑޫސިޓީ ޕޮލިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައްޑޫ ނޭޗަރ ޕާކު، ފުވައްމުލަކު ކައުންސިލް ، ފުވައްމުލަކު ނޭޗަރ ޕާކު، ފުވައްމުލަކު ޒުވާނުންގެ މަރުކަޒު، ފުވައްމުލަކު ޕޮލިސް، ރެޑްކްރެސެންޓް، ހޮސްޕިޓަލް، ގއ. ވިލިނގިލި ކައުންސިލް ، ވިލިނގިލި ޕޮލިސް ފަދަ ތަންތަނުން މި އިވެންޓަށް އެހީތެރިކަން މިހާރުވެސް ގެންދަވަނީ އެހީތެރިކަން ފޯރުކޮށް ދެއްވަވަމުންނެވެ.

މި މުބާރާތް ކުރިއަށް ގެންދާ ވަގުތު މުބާރާތުގެ ލައިވް ކަވަރޭޖް “އޭއޯ ނިއުސް” ގެ ފޭސް ބުކް ޕޭޖް އިން ކުރިއަށް ގެންދާނެއެވެ.