English Edition
Dhivehi Edition
މީގެ ކުރިން މާލެއަށް ކުރިން ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ފެން ހިއްކުމުގައި ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އެގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފް އިން ބުނީ ވެސްޓް ޕާރކް ސަރަޙައްދުގައި ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކަމުން އަންނަ ކަމަށެވެ.

މާލޭގެ މަގުތަކުގައި ބޯކޮށް ވާރޭވެހޭއިރު ފެންބޮޑުވާ މައްސަލައަށް އަދި މިހާތަނަށްވެސް ހައްލެއް ލިބިފައިނުވާއިރު، އެކަމާއި ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

މީގެ ދުވަސްތަކެއް ކުރިން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ މަގުތަކުގައިވެސް ވަނީ ފެންބޮޑުވެފަ އެވެ. އަދި އެކަމުގެ ސަބަބުން ގިނަ ގެތަކަށް ގެއްލުންވެފައިވާއިރު، އައްޑޫގެ މަގުތަކުގައި ފެން ހިންދުމުގެ ރަނގަޅު ނިޒާމެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.