English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަކޮށްފައިވާ މައްސަލައާއި ގުޅިގެން، ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި ޢިލްމުވެރިން ވަނީ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ރައީސް ސޯލިހު އާއި ހިއްސާކުރައްވައިފަ އެވެ.

އެހެންނަމަވެސް މި ބައްދަލުވުމުގައި ޢިލްމުވެރިން ހިއްސާހުރެއްވި ވާހަކަތަކުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އިލްމުވެރިން ވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އުސޫލްތަކާއި ޚިލާފަށް ގެނެސްފައިވާ ކަންކަން ހިއްސާކުރައްވައި، އެމްޑީއެންގެ ރިޕޯޓުގައި ފާޅުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާއިރު ވެސް އެ ރިޕޯޓާއި އަދި އެޖަމިއްޔާއާމެދު ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، ބައްދަލުވުމުގައި ބައިވެރިވަޑައިގަތް ޢިލްމުވެރިއެއް ކަމުގައިވާ ޝެއިޚް ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި ރައީސް ސޯލިހު ބައްދަލުކުރައްވައި، އެބޭފުޅުންގެ އިހުސާސްތައް އަޑުއެއްސެވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

“އަޅުގަނޑުމެން ޔަޤީންކުރަނީ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތަކަށް އަވަސް ފުރުސަތެއްގައި ޢަމަލީ ސިފައެއް އައިސްގެން ދިއުން”، އެ ޓްވީޓްގައި ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންތެރިކަމާއި ފާޑުކިޔުންތައް އެ ޖަމިއްޔާއަށް އަމާޒުވެފައިވާއިރު، އެ ޖަމިއްޔާއިން ވަނީ އެ ރިޕޯޓު ގެނެސްދީފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ބުނެ، އެކަމަށްޓަކައި މަޢާފަށް އެދުމަށްފަހު ރިޕޯޓު ވަގުތީ ގޮތުން އަނބުރާ ގެންގޮސްފަ އެވެ.