English Edition
Dhivehi Edition

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުން ނޫންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވެލައްވާފައިވަނީ އިއްޔެ ފާހަނގަކުރި ބައިނަލްއަޤްވާމީ އެދުރުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫންކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިހާރުގެ ތަޢުލީމީ ސިޔާސަތަކީ ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމަޢަށް ނެރެދިނުމާއި، ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމުގައެވެ. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، މި ސިޔާސަތުތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މިޚިޠާބުގައި އިލްތިމާސްކުރައްވާފައިވެއެވެ.

ފޮޓޯ؛ފޭސްބުކް

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަޢުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ޙާޞިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ފާހަގަކުރައްވާފައިވެއެވެ. އޭގެ ބަދަލުގައި ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަޚްޞިއްޔަތުގެ ހަރުދަނާ ކަމާއި، އެދަރިވަރުން އަނެކުންނާ މުޢާމަލާތުކުރާ ގޮތާއި، ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި، ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަންފަދަ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ފޮޓޯ: ފޭސްބުކް

އެހެންކަމުން އެދުރުންގެ ދުވަހެއް ފާހަގަކުރާއިރު، ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިއަހަރުގެ އެދުރުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ، “ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު” އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މިއަހަރުގެ ބައިނަލްއަޤްވާމީ އެދުރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އެދުރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ.