English Edition
Dhivehi Edition

އިންޑިއާގެ މުންބާއީގައި ކުރިއަށްދާ އެޑެކްސްއިންޑިއާ އޯޝަން ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މި ފެސްޓިވަލަކީ އޮކްޓޯބަރ ހަތަރަކުން ހަޔަކަށް މުމްބާއީގައި ކުރިއަށްދާ ފެސްޓިވަލެކެވެ. މީގައި ދިވެހި ޑައިވް ކުންފުނިތަކުން ބައިވެރި ވެފައިވާ އިރު އައްޑޫސިޓީން ބައިވެރި ވެފައިވަނީ އައްޑޫސިޓީގެ ޕެބްލްސް ގެސްޓްހައުސް އާއި އައްޑޫސިޓީ ފޭދޫގައި ހުންނަ އައްޑޫ ޑައިވް އިންނެވެ. އައްޑޫ ޑައިވް އަކީ،ޕަޑި ފައިވްސްޓަރ ޑައިވް އިންސްޓްރަކްޓަރުންނާއި އެކު ހިންގާ ޑައިވިންގ ސެންޓަރެކެވެ.

އައްޑޫ ޑައިވްގެ މެމްބަރުން
ޕެބްލްސްއިން ހިތަދޫގެ މެމްބަރުން

މިފެސްޓިވަލްގައި ރާއްޖޭގެ ކަނޑުތަކުގެ ދިރުމާއި ޑައިވިންގ ސްޕޮޓްތަކާއި އަދި ޑައިވް ޕެކޭޖްތަކުގެ މަޢުލޫމާތޫ ޙިއްޞާ ކުރެވިގެންދާއިރު ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން އިޝްތިހާރު ކުރެވިގެންދާނެއެވެ.

ރައީސް މުޙައްމަދު ނަޝީދުވަނީ މިފެސްޓިވަލްގައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކައިގައި ރާއްޖޭގެ ތިމާވެށީގެ ޙާލަތާއި ކަނޑު އަޑީގެ ރީތިކަމާއި މި އިންޑިއާ ކަނޑަކީ އެއްމެން އެއްބާރުމެއްލައިގެން ޙިމާޔަތް ކުރަން ޖެހިފައިވާ ތަނެއްކަން ހާމަކުރެއްވިއެވެ. އަދި ރާއްޖެ ކިތައްމެ ކުޑަނަމަވެސް ރާއްޖޭގައި މިހާރުވެސް 500އަށް ވުރެ ގިނަ ޑައިވް ސެންޓަރ އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަ ނިއްމާލަމުން ވިދާޅުވެފައިވަނީ،އުއްމީދު ކުރަނީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލަން އެއްމެން އަންނާނެ ކަމަށެވެ.

ރައީސް ނަޝީދު ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގެންނެވީ ނިއުދިއްލީގައި އޮތް އިންޑިއާ އިކޮނޮމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.