އަހަރެންގެ ހިތް ތިބާގެ ހިތް، ދުޅަހެޔޮ ހިތަކަށް އަހަރެންގެ ވަޢުދު
3 ހަފްތާ ކުރިން
އާމިނަތު ރައުފާ

ހެނދުނުގެ ވަގުތެވެ. އަރާމު ތަންމަތީގައި ކަންނެތް ކަމާއެކު ނިދާފައި އޮތް އަހަރެންގެ ހަށިގަނޑުން ނިދި ފިލައި ހޭލެވުނީ އިރުގެ ދޯދިތަކުގެ ހޫނުކަން ހަށިގަޑަށް ވެރި ވުމުންނެވެ. ހޭލެވުމާއެކު ހަނދާނަށް އައީ ރޭ އެތައް އިރެއް ވަންދެން އަހަރެންގެ ހިތުގެ ރަނި ކަމަނާއާއި ދެކެވުނު ވާހަކަ ތަކެވެ. އެ ދިގު ފޯނު ކޯލެވެ. އަހަރެންގެ ލޯބީގެ ހުށަހެޅުމަށް ރާނީ ދިން ޖަވާބެވެ. އެކަނިވެރި ހަޔާތެއްގައި އަހަރެން އުޅޭތާ އަހަރުތަކެއް ވެފައި ވަނިކޮށް އަހަރެންގެ ހަޔާތަށް އެ ރާނީ ގެނެވުނު ގޮތެވެ. ހަޔާތުގެ ފަޅުކަން ހަމަ އެންމެ ރެއަކުން ފިލައިދިޔަ ކަމުގައި ކުރެވުނު އިހުސާސެވެ. ރާނީގެ އޯގާތެރި ބަސްތަކުންނެވެ. އުންމީދުން ފުރިގެންވާ ވާހަކަ ތަކުންނެވެ.
އެހަނދާންތަކުން އަހަރެންގެ ޖަޒުބާތުތައް ހޭލައްވައިފިއެވެ. ރާނީގެ އަޑު އަހާލާހިތުން އަވަހަށް ރާނީއަށް ގުޅާނަމޭ ހިތައި ފޯނު ނެގީމެވެ. ކޯޑު ޖަހައި އަންލޮކު ކޮށްލީމެވެ. އެވަގުތު ފެނުނީ ލިބިފައިވާ ރާނީގެ މެސެޖެކެވެ. އަވަހަށް މެސެޖު ހުޅުވާލީމެވެ. އެއީ ދިގު މެސެޖެކެވެ. މެސެޖު ކިޔާލީމެވެ.
އަހަންނަށް ރޮވުނެވެ. ދެރަވެސް ވިއެވެ. އުފާވެސް ވިއެވެ. ހިނިވެސް އައެވެ. ވާނީވެސް އެހެނތާއެވެ. ރާނީގެ މެސެޖުން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރީއެވެ. އެ މެސެޖުގައިވާ އިބާރާތްތަކުގެ ފަށުވި ކަމުންނެވެ. ހިތުގައިވާ ކެކުޅުންތައް ބުނެދީފައިވާ ލެއް ފުރިހަމަ ކަމުންނެވެ. ލޯތްބަށް ބޭނުންވެފައިވާ މިންވަރު ހާމަކުރި ގޮތުންނެވެ. އޭގައި އަހަންނާއި ކުރިމަތިކޮށްފައި އޮތީ ވަރުގަދަ ސުވާލެކެވެ. ބޮޑު އެދުމެކެވެ. ރާނީގެ ލޯބި އަހަންނަށް ލިބެން އޮތީ ވަޢުދެއް ވެގެންނެވެ. އަހަރެން ތަކުރާރުކޮށް މެސެޖު ކިޔާލީމެވެ. އެއަށް ޖަވާބުދޭން އަހަރެން ބޭނުމެވެ. އެކަމަކު ރާނީގެ އެ މެސެޖަށް ޖަވާބުދޭނެ ގޮތެއްވެސް ނޭނގިފައި އަހަރެން އޮތީއެވެ. ވިސްނާށެވެ. ޖަވާބުދޭނެ މޮޅު ގޮތަކާއި މެދުގައެވެ. ވިސްނަ ވިސްނައި އެނދުމަތީގައި އޮތީމެވެ. ފޭސްބުކްގެ ނިއުސްފީޑުވެސް ބަލަމުންނެވެ. މުޅި ފޭސްބުކުވެސް އޮތީ ހިތްތަކުން ފުރާލާފައެވެ. ތަފާތު ސްޓޭޓަސް ތަކުންނެވެ. ހުސް ހިތުގެ ވާހަކައެވެ. ރަހުމަތްތެރިންގެ ފަހަރަކު ފޮޓޯއެއް ސްޓޭޓަސް އެއް ބަލަމުން ދިޔައީމެވެ. ކުއްލިޔަކަށް ފެނުނީ އަހަރެން ގާތް ރަޙްމަތްތެރި ނޫސްވެރިއެއްގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ އަޕްޑޭޓެކެވެ. ފޮޓޯ ފްރޭމުގައި ލިޔެފައި އޮތެވެ. ‘އަހަރެންގެ ހިތް ތިބާގެ ހިތް ދުޅަހެޔޮ ހިތަކަށް ވަޢުދެއް ވަމާ ހެއްޔެވެ؟” އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ރާނީއަށް އަހަރެން ވަޢުދެއް ވާނަމެވެ. އެވަޢުދު އަހަރެން ވާނީވެސް ރާނީ ހައިރާން ވާފަދަ ގޮތަކަށެވެ. އަހަރެން ވަގުތުން ރަހްމަތްތެރި ނޫސްވެރިޔާއަށް ގުޅާލީމޭވެ. ނޫހުގައި އަހަރެންގެ ލިޔުމެއް ޝާއިޢު ކޮށްދިނުމަށް އެދުނީމެވެ. ނޫސްވެރިޔާ އެކަމަށް އެއްބަސްވިއެވެ. އެކުވެރިންނޭވެ. މިއީ އަހަރެން އަހަރެންގެ ހިތުގެ ރާނީއަށްޓަކައި ލިޔާ ލިޔުމެކެވެ. ރާނީގެ ސުވާލަށް ދޭ ޖަވާބެވެ. ރާނީއަށްޓަކައި އަހަރެން ވާ ވަޢުދެކެވެ. މި ވަޢުދު އަހަރެން ވާންބޭނުމީ ތިޔަ އެންމެހައި ކިޔުންތެރިން ހެކިކޮށެވެ.
“ލޯބިވާ ރާނީއެވެ. އަޑުއަހާށެވެ. އަހަރެންނަކީ ލޯބިދޭން ދަންނަ މީހަކީމެވެ. އަނިޔާވެރިއެއް ނޫނީމެވެ. ތިޔަ ރާނީގެ ހިތަކީ ގަހެއް ހެއްޔެވެ؟ ގަހެއްނަމަ އެ ގަހުގެ ހިޔަލުގައި ޖޯލިފަތި އަޅައިގެން އޮވެ އަހަރެންގެ މުޅި ހަޔާތް ހޭދަކޮށްލަން ބޭނުމެވެ. ތިޔަ ލޯބިވާ ރާނީގެ ހިނިތުން ވުމަކީ އެ ގަހުގައި އަޅާ މާ ކަމުގައި ވާނަމަ ތިޔަ މަލުން އުފާ ހޯދަން އަހަރެން މިވަނީ ފެންބޮވައިގެންފައެވެ. ތިމަލުގެ ކުލަޔަކީ އަހަރެން ފެނުމުން ކޯތާފަތަށް ވެރިވާ މަޑުފިޔާތޮށި ކުލަ ކަމުގައި ވާނަމަ ތިޔަ މަލުގެ ކުލަ ފަނޑު ވިޔަކަ ނުދޭނަމެވެ. ތިޔަ މަލުގެ ރީތި ކަމަކީ އަހަރެންނާ ހަތަރުކަޅި ހަމަކުރާ ހިނދު ލޮލުން ފާޅުވާ ވިދުވަރު ކަމަށް ވާނަމަ ތިޔަ މަލުގެ ރީތިކަން އަބަދުމެ ދެމި ހުންނާނެ ކަމާ މެދު ޝައްކު ނުކުރާށެވެ. ރާނީގެ ތިޔަ ފުން ދެލޮލުގެ ވިދުވަރުން އަހަރެން ހިތުގެ އެންމެ ކުދި ނާރުތަކަށް އަސަރު ކުރެއެވެ. އެ އަސަރުގައި ޖެހި މަސްތުވާން އަހަރެން ބޭނުމެވެ. ތި މަލުގެ މީރުވަހަކީ އަހަންނަށްޓކައި ހޭދަކުރާނެ މަސްތީ ވަގުތު ކަމުގައި ވާނަމަ ތި މަލުގެ މީރު ވަހުން އަހަރެން މުޅި ހަޔާތުގައި ހުވަނދު ލާދޭށެވެ. އަދި ތިޔަ މަލުގެ ކަރުގަނޑުގައިވާ މާމުއިގެ ތިކިތަކުން އަހަރެންގެ މަސްތުކަން އިތުރު ކޮށްދިނުމުގައި ދެމި ހުންނާށެވެ. ލޯބިވާ ރާނީއެވެ. ރާނީގެ ހިތުގައިވާ ޒަޚަމްތަކުގެ ފަރުވާ އަކީ އަހަރެން ލޯބި ކަމުގައިވާނަމަ ތިޔަ ޒަޚަމްތަކަށް އަލްވަދާޢު ކިޔަން ތަައްޔާރު ވާށެވެ. ޖަޒުބާތުގެ އޮއިވަރުގައި ޖެހި ހިތުގެ ބައްޓަމަށް ބަދަލު އަންނަ ކަމަށް ވާނަމަ ދެން މަގޭ ރާނީގެ ހިތަކަށް ދުޅަހެޔޮ ބައްޓަމެއްގައި ނޫނީ އޮންނާކަށް ލާހިކެއް ނޫނެވެ. އަހަރެން މިވަނީ ރާނީގެ ލޯތްބަށް އެދި ދީވާނާ ވެފައެވެ. ދީވާނާ ވެފައިވާ އަހަރެންގެ ލޯތްބާއި އޯގާތެރިކަމާއި ވަގުތަކީ ތިޔަ ހިތަށް/ގަހަށް ބޭނުންވާ ފެން ކަމުގައި ވާނަމަ ތިޔަ ގަސް ފެން ނުލިބިގެން މިލާ މޯޅިވިޔަކަ ނުދޭނަމެވެ. އިޙްތިރާމާއި އަޅާލުމާއި ހިތް ހެޔޮކަމާއި ލޯބީގެ ބަސްތަކަކީ ތިޔަ ގަހުގެ ކާނާ ކަމުގައި ވާނަމަ ކާނާ ނުލިބިގެން ތިޔަ ގަސް ހިކި އަނަރޫފަ ވިޔަކަ ނުދޭނަމެވެ.
އޭ ރާނީއެވެ. ތިޔަ ރީތި ރާނީގެ އުފާވެރި ހިނިތުންވުމަކީ އަހަރެން އުފަލެވެ. އަޑުއަހާށެވެ ތިޔަ ރާނީގެ ހިތަކީ ދުޅަހެޔޮ ހިތަކަށް ހެދުމަށް އަބަދުވެސް ލޯބިދޭނަމެވެ. މިއީ އަހަރެންގެ ވަޢުދެކެވެ. މިއީ 2019 ވަނަ އަހަރު ދުނިޔޭގެ ހިތުގެ ދުވަހުގައި 29/09/2019 ވަނަ ދުވަހު ހެނދުނު އަހަރެން އަހަރެންގެ ރާނީއަށް ވީ ވަޢުދެކެވެ. ރާނީގެ ދިގު މެސެޖުގެ ޖަވާބެވެ. އުފަލުގައި ހުންނާށެވެ. އިންޝާ ﷲ ކުރިއަށް އޮތީ އުފާވެރިކަމެވެ. ހިނިތުންވާށެވެ.” (ނިމުނީ)

Advt

Advertisement