English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ނެށުންތެރިޔާ ފައިސަލް ޚާން އާއި މުސްކާން ކަޓަރިއާ އެކުގައި ނަޗްބަލިއޭ 09 ގައި ފެނިގެންގޮސްފައިވާއިރު ޝޯ އާއި އަލްވަދާއު ކިޔުމާއެކު މި ދެތަރިންވަނީ އެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން އިއުލާންކޮށްފައެވެ.

މީގެ ކުރިން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މުސްކާން ބުނީ ޝޯގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ ގުޅުން ކުރިއަށް ނުގެންދާނެކަމަށެވެ. އަދި ފައިސަލްހާން އޭނާއަށް ބޭވަފާތެރިވެ އެހެން ފަރާތަކާއި ގުޅުން އޮންނަކަމުގައި މުސްކާންވަނީ ބުނެފައެވެ.

ޗަންދްރަގުޕްތާ މައުރިޔާ ސެޓްގައި އަސްދުއްވަނިކޮށް ފަޔަށް ލިބުނު ގެއްލުމުގެ ސަބަބުން ނަޗްބަލިއޭ ޝޯ އަށް އަލްވަދާއި ކިޔަން ޖެހުނު ފައިސަލް ބުނީ މުސްކާން އާއި ލޯބީގެ ގޮތުން ގުޅުމަކީ ހަޔާތުގައިވެސް ހެދުނު އެންމެ ބޮޑު ގޯސް ކަމުގައެވެ. އަދި އޭނާ އެހެން ފަރާތަކާއި ގުޅުން އޮންނަ ކަމަށް ބުނެ މުސްކާން ދައްކާފައިވާ ވާހަކަތަކަށް ފައިސަލްވަނީ ރައްދު ދީފައެވެ.

މި ގޮތުން ފައިސަލް ބުނީ އޭނާ ދުވަހަކުވެސް މުސްކާންއަށް ބޭވަފާތެރިވާން ހިތަށްވެސް ނާރުވާކަމަށެވެ. “އަހަންނާއި ޗަންދްރަގުޕްތާ މައުރިޔާ ގެ ތަރި ސްނޭހާ އާއި ގުޅުމެއް އޮންނަ ކަމަށް މުސްކާން އަށް ޝައްކުކުރެވެނީ. އެކަމަކު އަހަރެމެން މީ ހަމަ ގާތް ރައްޓެހިން. މިހާރު އަހަންނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އަހަންނަށް އެހީވެދެނީ އެ ޝޯގައި އަހަންނާއި އެކު މަސައްކަތްކުރާ ސްނޭހާ އާއި ތަރުން ކަންނާ. “ތިން މަސްވަންދެން ބެޑް ރެސްޓްގައި އޮތް ފައިސަލް ހާން ބުންޏެވެ

.މީގެ އިތުރުން ފައިސަލް ބުނީ މުސްކާން ކަންތައް ކުރި ގޮތުން އޭނާގެ މައިންބަފައިންނާއި ކުރިމަތިލާންވެސް އުދަގޫކަމަށާއި އެހެންމީހަކާއި ލޯބީގެ ގުޅުމެއް ބާއްވަންވެސް މިހާރު ބިރުގަންނަ ކަމަށެވެ. ންޗަބަލިއޭގެ ކުރިންވެސް މުސްކާން އާއި ފައިސަލް އާއި ދެމެދު މައްސަލަތައް ޖެހިފައިވާއިރު ފައިސަލް ބުނީ އެހާ ބިޒީކޮށް އުޅެމުންވެސް އެ ޝޯގައި ބައިވެރިވީ މުސްކާންއަށް ވަގުތު ދިނުމަށްކަމަށެވެ. އަދި އެ ދެމީހުންގެ ގުޅުން ރަގަޅުކޮށް އެ ގުޅުމަށް އިތުރު ފުރުސަތެއް ދޭން ބޭނުންވިކަމަށް ފައިސަލްވަނީ ބުނެފައެވެ.

އެހެންނަމަވެސް މިހާރު މުސްކާން ކަންތައްކުރި ގޮތުން އޭނާ މުޅިން ފޫހިވެއްޖެކަމަށް ފައިސަލްވަނީ ބުނެފައެވެ. ” މުސްކަން ޑިޕްރެޝަންއަށް ދިޔަ ކަމަށް އޭނާ ވަނީ ބުނެފަ. އެކަމަކު އަހަރެން ދޯ ޑިޕްރެޝަންގައި މި އުޅެނީ. މުޅި ދިިރިއުޅުމުގައި ނެށުމުގައި އުޅެމުން ދިޔަ މީހަކަށް މިފަދަ ކަމެއް ދިމާވުމުން ދެން ވާނެ ގޮތް ވިސްނާލާ. މުޅި ތިންމަސް ވަންދެން އަހަރެން އޮންނަން މި ޖެހުނީ ބެޑްރެސްޓްގަ.” ފައިސަލް ބުންޏެވެ. މީގެ އިތުރުން ފައިސަލް ބުނީ އޭނާގެ ސަބަބުން މުސްކާން ޑިޕްރެޝަންއަށް ދިޔަ ނަމަ އުފާވެރިކޮށް ނަގާފައިވާ ފޮޓޯތަކާއެކު މީސްމީޑިއާގައި އެ ގޮތަށް ހަރަކާތްތެރިނުވާނެކަމަށެވެ.