English Edition
Dhivehi Edition

ދިވެހިރާއްޖެ އިން ސައުދި އަރަބިއްޔާއަށް ދާ ދިވެހިންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދެއްވުމާއި ބެހޭގޮތުން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސައުދިއަރަބިޔާގެ ޚާރިޖީ ވަޒީރު ޑރ. އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-އައްސާފާއި ބައްދަލުކުރަށްވައި މަޝްވަރާކުރަށްވައިފި އެވެ.

ދެބޭފުޅުން ބައްދަލުކުރަށްވާފައި ވަނީ މިހާރު އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައެވެ. ރައީސް އާއި ސައުދީ ޚާރިޖީ ވަޒީރުގެ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ފައެވެ.

“މީގެ އިތުރުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.” ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާއި ޢުމްރާނީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރިޔާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.