ލޯކަލް ކައުންސިލް އިންތިޚާބު ކުރިމަތިވެގެން އަންނައިރު ކޮންމެ ކެންޑިޑޭޓަކުވެސް އެންމެ ފޯރިއާއެކު ދައްކަވަމުން ގެންދަވާނީ އެކެންޑިޑޭޓަކު ހޮވިއްޖެނަމަ ކުރައްވަވާނެ ކަންތައްތަކުގެ ވާހަކައެވެ. އަދި ލިބިފައިވާ ތަޖުރިބާއަށް ބަލާފައި ރައްޔިތުންނަށް އެންމެ ފައިދާ ހުރީ އެ ކެންޑިޑޭޓަށް ވޯޓު ދެއްވުމުން ކަމުގައެވެ. އިންތިޚާބަށް އެންމެ 2 ދުވަހަށް ވެފައިވާއިރު ހިތަދޫ ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވަވާ ކެންޑިޑޭޓާ އޭއޯނިއުސްގެ ފަރާތުން ބައްދަލުކޮށް ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެހެން ކެންޑިޑޭޓުންނާއި ޔަސްރިފް އާއި ހުރި ތަފާތާއި ބެހޭގޮތުން ސުވާލުކޮށްލީމެވެ. ޔަސްރިފްގެ ޖަވާބު ވަރަށް ސާފެވެ. ޔަސްރިފް ވިދާޅުވީ މިދާއިރާއަށް ކުރިމަތި ލެއްވި 4 ކެންޑިޑޭޓުންނަށް ބަލާއިރު މަސައްކަތުގެ ތަޖުރިބާ ލިބިފައި އަދި ތައުލީމީ ގޮތުން އެންމެ މަތީސަނަދެއް އޮތީ ޔަސްރިފްގެ އަތުގައި ކަމަށެވެ. ހަމަ އެއާއެކު ނިމިގެން މިދާ ދައުރުގައި ކުރެވުނު މަސައްކަތް ތަކަށް ބަލާއިރު ހިތްހަމަ ޖެހޭވަރަށް މަސައްކަތް ކުރެވިފައިވާތީ އެކަމާ އުފާކޮށް އަމިއްލަ ނަފްސަށް ފަޚުރުވެރިވެ ލައްވަވާ ކަމަށެވެ. 2 ވަނަ ދައުރަކަށް ކުރިމަތި ލެއްވެވީ ދެންވެސް މިގޮތަށް މަސައްކަތް ކުރައްވާނެ ކައުންސިލަރެއްގެ ގޮތުގައި ވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ދެއްވަވަމުން ކަމަށެވެ. “އައްޑޫސިޓީ ކައުންސިލްގައި ވޭތުވެދިޔަ 3 އަހަރު އަދި އޭގެ ކުރީ 3 އަހަރުވެސް މަސައްކަތް ކޮށްދީފައިވާނީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށްދެވޭތޯ. މިމަސައްކަތް ކުރާއިރު ލާމަރުކަޒީ ނިޒާމު ދެމެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ. އެ ނިޒާމު ދެމެހެއްޓޭތޯ މަސައްކަތް ކުރަން ޖެހޭނީ ކައުންސިލްތަކުން. އެމަސައްކަތް ކުރުމުގެ އެފޯޑް އޮތީ އެމްޑީޕީގެ އަތުގައި . އައްޑޫގެ 7 ގޮނޑިއަށް އެމްޑީޕީން ވާދަކޮށްފައިވާއިރު އައްޑޫގެ ހިސްޓްރީއަށް ބަލާއިރު ވަރަށް ބޮޑު އައުލަބިއްޔަތު އެމްޑީޕީ ނަގަމުން އައީ. މިދާއިރާއަށް ކުރިމަތިލާފައިތިބީ ޕީޕީއެމް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއް. ކައުންސިލްގެ މިފަހަރުގެ ވެސް އައުލަބިއްޔަތު ލިބޭނެ ކަމަށް މިބަލަނީ އެމްޑީޕީއަށް . އެހެންވީމާ އެހެންކެންޑިޑޭޓުންނާ ހުރި ތަފާތަކީ އަހަރެންް ދަނީ ޓީމަކުންކަން. ލާމަރުކަޒީ ވިސްނުން ހުރި ގިނަ ބަޔެއްގެ ސަޕޯޓް އޮތް ބޮޑު ޕާޓީއެއް ބެކަޕެއްގެ ގޮތުގައި އެބައޮތް. ކުރިމަތިލާފައި ތިބި 4 ކެންޑިޑޭޓުންގެ ތެރެއިން ވަޒީފާ އަދާކުރުމާއި ވަކިން ޚާާއްޞަކޮށް ކައުންސިލްގެ މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް ނަތީޖާ ހާސިލްކޮށް ރައްޔިތުންނަށް ނަތީޖާ ފެންނަން އޮތް މަސައްކަތެއް ވެވިފައި އެބައޮތް. މިދާއިރާއަށް ކުރިމަތި ލެއްވި 4 ކެންޑިޑޭޓުން ނަށް ބަލާއިރު އެންމެ މަތީ ތައުލީމީ ސަނަދެއް އޮތީ އަހަރެންގެ އަތުގައި. މި މަސައްކަތަކީ ސިޔާސީ މަސައްކަތެއް. ކައުންސިލުން ސިޔާސަތު ކަނޑައެޅީމާ އެ ސިޔާސަތު ސަރުކާރުގެ ސިޔާސަތާ ތައާރުޒު ނުވާ ގޮތަށް ކައުންސިލް މުވައްޒަފުންނާއެކު ތަންފީޒުކުރަނީ. މި ސިޔާސީ އެއްވެސް ކަމެއްގައި އުޅެފައި ހުރި އެއްވެސް ކުއްޖަކު މިދާއިރާއަށް ކުރިމަތިލާފައެއް ނެތް. ހަމަ ބްރޭންޑް ފްރެޝް މައިޑް . އެހެންވީމާ 3 އަހަރުގެ މުއްދަތަށް މިލިބޭ ކުރު މުއްދަތުގެ ތެރޭގައި މި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރި މީހަކު ދާއިރާއިން ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމަށް ގަބޫލު ކުރެވޭ. ” ޔަސްރިފް ވިދާޅުވިއެވެ. އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ފާއިތުވި ދައުރުގައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވި ކައުންސިލަރު ޔަސްރިފް ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ޚިދުމަތް ދެވެން އޮތީ ލާމަރުކަޒީ ވިސްނުމަކުންކަމަށެވެ. އަދި ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން މަސައްކަތް ކުރަނީ އެމްޑީޕީންކަމަށާއި 2000 ވަނަ އަހަރު ރަށް ކުރިއަރުވާ ކޮމިޓީއަށް އިންތިޚާބުވި ހިސާބުން ފެށިގެން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދެވިފައިވާތީ އެކަމުގެ ތަޖުރިބާ އާއި ހުނަރު އަދި ތައުލީމު ހުރިކަމަށް ގަބޫލު ކުރެވޭކަމަށެވެ. އިންތިޚާޞުގައި ވާދަކުރައްވަވާއިރު ޕާޓީއެއްގެ ސަޕޯޓާއެކު މަގާމަށް ކުރިމަތި ލައްވަވާ އަދި މަގާމު ލިބިލެއްވުމުން ޕާޓީ ބަދަލުކުރުމަކީ ދުވަހަކުވެސް ކުރުމަށް ބޭނުން ނުވާނެ ކަމެއް ކަމަށް ޔަސްރިފް ވިދާޅުވިއެވެ. ޕާޓީ ބަދަލުކުރުމާމެދު ޔަސްރިފް ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ވަރަށް ހިތި ތަޖުރިބާއެއް ވީ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ދަމަހައްޓަން ކުރާމަސައްކަތް 2015 ވަނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އޮބި ކައުންސިލްގެ ބާރުތައް ނެގި ކައުންސިލަށް ލިބެމުންދިޔަ އާމްދަނީ ހުއްޓުވިކަން އެއީ އައްޑޫ ރައްޔިތުންނަށް ކުރެވުނު ވަރަށް ހިތި ތަޖުރިބާއެއް ކަމަށެވެ. “އެ މަސައްކަތަކީ 2004 ވަނަ އަހަރުން ފެށިގެން އެމްޑީޕީން އަދި އަހަރެން އެޓީމުގައި ހިމެނިގެން ކުރަމުން އައި މަސައްކަތެއް. މިހާރުގެ ސަރުކާރަކީ ވަރަށް ބޮޑަށް މަރުކަޒީ ވިސްނުމުގެ ސަރުކާރެއް. ފާއިތުވެގެން ދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރާއި ގުޅެން ފުރުސަތު ލިބިގެން ދިޔަ. ގިނަ އޮފާތައް އައި. ލާމަރުކަޒީ ވިސްނުން ސަރުކާރުގެ ނެތުމުން އަދި ސަރުކާރުން އައްޑޫސިޓީގެ ތަރައްގީއަށް ހަމައެއްވެް ކަމެއް ހެޔޮ ނިޔަތެއްގައި ނުކުރާތީ 2004 ވަނަ އަހަރުން ފެށިގެން ފިކުރު ބަދަލުނުވެ އެއްލަވައެއް ކިޔަމުން ހިނގި ކެންޑިޑޭޓަކީ އަހަރެން .އިރާދަކުރެއްވިއްޔާ އަބަދުވެސް ހަމަ މިވިސްނުމުގައި ދެންވެސް ހުންނާނީ.” މިއީ ޔަސްރިފްގެ ވާހަކަ އެވެ. 2014 ވަނަ އަހަރު ކައުންސިލް ކެމްޕޭނަށް ނިކުތުމުން ދެކުނު ދާއިރާގެ ރައްޔިތުން އެދުނު ކަންތައްތަކުގެ ވަރަށް ބޮޑު ބައި ކޮށްދެވުނީތީ އުފާވާ ކަމަށް ޔަސްރިފް ވިދާޅުވިއެވެ. “ރައްޔިތުން އެދުނީ ބަށިކުޅޭނެ ކޯޓެއް ނެތުމުން ކޯޓެއް އަޅައިދިނުމަށް. ކައުންސިލެއްގެ ބިމެއްގައި ބަށިކޯޓެއް އަޅައިދީ ކުޅޭން ބޭނުންވާ ސާމާނު ހޯދައިދިނިން. އޭރު ފުޓުބޯޅަ ކުޅެންތިބި ކުދިން ބުނީ ކުޅެން މިޖެހެނީ އަނދިރީގައި ކަމަށް. ދަނޑު މިހާރު އޮންނާނީ ވަށައި ފެންސް ޖަހައި ބޮކި ދަނޑިހަރުކޮށް ކުޅެން ފަސޭހަ ވާނެ ގޮތަަށް ހަދައިދީފައި. އެކުދިން ކުޅެމުންދާނީ ރަނގަޅުފެންވަރުގެ ދަނޑެއްގައި ބޮކި އަލީގެ ދަށުގައި ތިބެގެން. ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ އޭރުގެ ޝަކުވާއަކަށް ވެފައި އޮތީ ކުޑަކުދިންގެ ޕާކަށް ދާންވެއްޖެނަމަ 50 ރުފިޔާ ދީފައި ޕާކަށް ދާންޖެހޭކަމަށް . މިހާރު އެކުދިންނަށް ޓަކައި އެކުދިންގެ ދާއިރާގައި ކުޑަކުދިންގެ ޕާކެއްވާނީ ހަދާދީފައި . މިދާއިރާގެ ކުދިންއެދޭ މި ސަރަހައްދުގައި ބާބެކިއު އޭރިއާއެއް ހެދުމަށް . އިރާދަކުރެއްވިއްޔާ ރޯދައިގެ ކުރިން މާކިޅި ސަރަހައްދުގައި ބާބެކިއު އޭރިއާއެއް ހެދިގެންދާނެ. މަގުމަތީގެ ބައްތި ނެތިގެން ޝަކުވާކުރި ފަރާތްތަކުން އެމީޙުން ޝަކުވާކުރި ތަންތަނުގައި ބައްތި ޖަހައި ދެވުނު. ” ޔަސްރިފް ވިދާޅުވީ ނިމިގެން މިދާ ދައުރުގައި ހިތްހަމަ ޖެހޭވަރަށް މަސައްކަތް ކުރެވިފައިވާތީ އެކަމާއުފާކުރައްވާ ކަމަށެވެ. އައްޑޫސިޓީގެ ގިނަ ކައުންސިލަރުންނާ ތަފާތުކޮށް ޔަސްރިފަކީ ވަރަށް އިޖުތިމާއީ ކައުންސިލަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން އައްޑޫސިޓީގައި ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުން ޔަސްރިފް ފެނިގެންދާއިރު އަމިއްލައަށް އިސްނަންގަވައިގެން ކުރައްވަވާ ކަންތައްތައްވެސް ގިނަ ކަމަށް ރައްޔިތުން ބުނެއެވެ.