ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންއަށް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަދި ދިވެހިރާއްޖޭގެ ސީއެމްއީސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް ލިއު ޝިއައޯޑާ އެވެ.
ހުޅުމާލޭގައި ގާއިމު ކުރާ މި ސްޓޭޑިއަމް މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢާއިގުޅޭ ހުރިހާ ދިރާސާތައްކޮށް، ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހެއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީއެމްއީސީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޗައިނާ އާއި ރާއްޖެއާއި ދެމެދުގެ ގުޅުން ހީނަރުވެފައިވަނިކޮށް ފޮރިން މިނިސްޓަރ ޗައިނާއަށް ކުރެއްވެވި ދަތުރުފުޅާ ގުޅޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެން ޝުއާން ވިދާޅުވީ “ރާއްޖޭގެ އާ ސަރުކާރުގެ ފޮރިން މިނިސްޓަރު” ޗައިނާ އަށް ކުރެއްވި ދަތުރަކީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ކުރިއަރުވަން އެޅުނު ފާހަގަކޮށްލެވޭ ފަދަ ފިޔަވަޅެއް ކަމަށެވެ.
ފޮރިން މިނިސްޓަރ ޝާހިދު ޗައިނާ އަށް ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރު ނިންމަވައިލެއްލީ އިއްޔެ އެވެ. ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ޗައިނާގެ ސްޓޭޓް ކައުންސިލާ ވާންޔީއާ އެކު ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.