މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާއި އެމެރިކާގެ ނޭވީ ސީލްސް ގުޅިގެން ހިންގި “އެކްސަސައިޒް ފްލޭޝް މެޓަލް 19-01” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނުތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައި އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިއަދުގެ ސަލާމަތީ މާހައުލުގައި މިފަދަ ތަމްރީންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، އެކްސަސައިޒްގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 18 އިން އިއްޔެގެ ނިޔަލަށެވެ. އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި މި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވާއިރު މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ ބައިވެރިވެފައެވެ.އަދި މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ އެމެރިކާ ނޭވީ ސީލްސްގެ ސިފައިންނެވެ.