އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމެނިއްޖެއެވެ.
މި ލިސްޓުގައި ހިމެނެނީ މުހައްމަދު އަމީން ކިޔާ ދިވެއްސެކެވެ. އެމެރިކާގެ ކަމާއިބެހޭ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި އޭނާއަކީ ސޫރިޔާ އަދި އަފްޢާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސްއަށް މަސައްކަތް ކޮށްދޭ މީހެކެވެ.
މިހާރު އަފްޢާނިސްތާނަށް ހަނގުރާމަވެރިން ފޮނުވާއިރު ކުރިން މީހުން ފޮނުވަމުންގެންދިޔައީ ސޫރިޔާއަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެމެރިކާ އިން ބުނެފައިވާ ގޮތުގައި، އަމީނަކީ އައިސިސްގެ އިރާޤުގެ ގޮތްޕަށް ހަނގުރާމަވެރިން ރެކްރޫޓު ކުރާ މީހެއްކަމަށެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އަމީން ވަނީ ރާއްޖޭގެ ނޫސްވެރިއަކު އައިއެސްއާ ގުޅިގެން އަފްގާނިސްތާނަށް ދިޔުމަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅާފަ އެވެ. އެއީ އަމީނަށް ބޭނުންވާ ލިޔުންތައް ތަރުޖަމާ ކުރުމަށެވެ.
މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު ދިހަ ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.
އަދި ރާއްޖޭގެ ގޭންގުތަކާއި ކުށްވެރިންގެ ތެރެއިން އައިއެސްއަށް މެމްބަރުން ހޯދުމަށް އޭނާ މަސައްކަތް ކުރާ ކަމަށް ވެއެވެ..
އެނގިފައިވާ ގޮތުގައި އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު އޭނާ ވަނީ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައެވެ
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ދަ ޓެރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއޭއެފްސީ) އިން މިހާރު ވަނީ އެ މީހާއަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.
ރާއްޖޭގައި ޢަލްޤައިދާޖަމާޢަތާއި ގުޅިގެން ބޮޑެތި ކުށްތަކާއި މާރާމާރީތައް ހިންގަމުންދާކަމަށާއި މައިންބަފައިން ދަރިންނަށް ސަމާލުވުމަށް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރާއްޖޭގައި ވަރަށް ހަލުވިކަމާއިއެކު”އަނދިރި ދައުލަތެއް” އުފެދެމުންދާކަމަށް ވިދާޅުވެފައެވެ.