English Edition
Dhivehi Edition

ފިތުރު ޢީދު ދުވަހު އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ ސަލްމާންޚާންގެ ޓިއުބް ލައިޓް އެ ތާރީހުގައި ޕާކިސްތާނުގައި ނޭޅުވޭނެ ކަމަށް އެ ގައުމުގެ ފިލްމު އުފައްދާ ފަރާތްތަކުން ބުނެފިއެވެ. ޕާކިސްތާނުގެ ފިލްމު ޕްރޮޑިއުސަރ އެސޯސިއޭޝަނާއި ފިލްމު ޑިސްޓިބިއުޓާ އެސޯސިއޭޝަނުން ބުނެފައިވަނީ އެ ތާރިހަކީ ޕާކިސްތާނުގެ ބައެއް ފިލްމުތައް ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރިހު ކަމަށާއި ގައުމުން ބޭރުގެ ފިލްމެއް އެ ތާރިހުގައި ސިނާމާތަކުގައި ނުދެއްކޭނެ ކަމަށެވެ. “މުޅި އަހަރު އެއްކޮށް މި އޮންނަނީ އެމީހުން ބޭނުން ފިލްމެއް އެޅުވޭ ގޮތަށް. އެކަމަކު މުސްލިމުންނަށް އަންނަ އީދު ދުވަހު ގައުމުން ބޭރުގެ ފިލްމެއް ސިނަމާގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ކަމުގެ ސަބަބުން އެ ތާރިހުގައި ދައްކަން ހަމަޖެހިފައިވާ ޕާކިސްތާނު ފިލްމުތަކުގެ ވިޔަފާރިއަށް ނުލާހިކު ބޮޑު ގެއްލުންތަކެއް ވާނެ. “ފިލްމު އުފައްދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 2010 ވަނަ އަހަރު ފެޑެރަލް މިނިސްޓްރީ އޮފް އިންފޮމޭޝަން އިން ވަނީ މުސްލުމުންގެ ބަންދު ދުވަސްތަކާއި އީދުތަކުގައި އިންޑިއާގެ ފިލްމުތައް އެ ގައުމުގައި ނުދެއްކޭނެ ކަމަށް ނިންމާ ގާނޫނެއް ފާސްކޮށްފައެވެ. އެހެންކަމުން ޓިއުބްލައިޓް ދައްކާ ތާރީހަށް ބަދަލެއް ނުގެނެސްފި ނަމަ ކޯޓަށް ގެސްގޮން ވިޔަސް ފިލްމު ނުދެއްކޭނެ ގޮތް ހަދަން ފިލްމު އުފައްދާ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިކަމަށް އެދެވިގެންވާ އެންމެ ރަގަޅު ހައްލެއް ހޯދުމަށްޓަކައި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ ނަވާޒް ޝަރީފަށް ފޮނުވުމަށްޓަކައި ސިޓީ ލިޔެފައިވާ ކަމަށް އެމީހުންދަނީ ބުނަމުންނެވެ. މިކަމާ ގުޅިގެން ޕާކިސްތާނުގެ އެކްޓަރު މުސްތަފާ ޤުރެއިޝީ ބުނެފައިވަނީ ސަރުކާރުން ޕާކިސްތާނުގެ ފިލްމުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމުގައެވެ. ” އަހަރެން އަބަދުވެސް ބުނަމުން މިދަނީ އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާ ކުރާށޭ.” އޭނާ ބުންޏެވެ. ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ދާހިލީ ހަމަނުޖެހުމުގެ އަސަރު ފިލްމު އިންޑަސްޓްރީއަށްކޮށްފައިވާ އިރު މިހާރު އިންޑިއާގެ ގިނަ ފިލްމުތައް ޕާކިސްތާނުގައި ދެއްކުމާއި ދެކޮޅަށް ޕާކިސްތާނުގެ ފިލްމު އިންޑަސްޓްރީގެ ގިނަ މީހުންނާއި ސިޔާސީ މީހުންދަނީ މަސައްކަތްކުރަމުންނެވެ. http://https://youtu.be/sElZFNDtqyM