English Edition
Dhivehi Edition

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، ހަތަރު ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޢައްޔަން ކުރައްވައިފި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާޠިމަތު އަނޫލާ, ގަލޮޅު ވަޑިނޮޅުގެ އާއި މަރްޔަމް ޝިއުނާ، އައްޑުއަތޮޅު ހިތަދޫ ނެދުންގެ އާއި ޢާއިޝަތު ޢަބްދުﷲ، ފާދިއްޕޮޅު ހިންނަވަރު ރޯލްގޯލްގެ އާއި ޢަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366 އެވެ.

އެ ބޭފުޅުންގެ ތެރެއިން ފާޠިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގަ އެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައިފަ އެވެ.

ކޮމިޝަނަށް އައްޔަންކުރެއްވި މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމެވެ. ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވި ޢާއިޝަތުޢަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަޤާމުގަ އެވެ. ޢާއިޝަތު ޢަބްދުﷲ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޤައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައިފަ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޢައްޔަންކުރެއްވި ޢަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރު އޮފް މާރކެޓިންގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ހަތަރު ބޭފުޅުންނާ ވަނީ ޙަވާލުކޮށްދެއްވައިފަ އެވެ.